މަސްވެރިން ބޭނުންކުރާ އެން މުޅަ ނުވެ ގިނަ ވަގުތުގައި ބެހެއްޓުމަށްޓަކައި ކުރާ ދިރާސާއަށްފަހު އެން މުޅަވުމުގެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިކަން ފެށެނީ އެންވެރިކަމުން ކަމަށްވާތީ އެމުގެ މައްސަލަ އުޅޭނަމަ އެކަމަށް ހައްލު ހޯދަންޖެހޭ ކަމަށެވެ. އެގޮތުން ފަތިހު ނަގާ އެން، އެން ލަބަރީގައި ފަހަށް ރައްކާކޮށްގެން ގިނަ ވަގުތު ގެންގުޅޭވޭނެ ގޮތް ހެދުމަށް މިމަސައްކަތްވެސް ޓެކްނޯލޮޖީއާ ގުޅުވާލަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
"އެން ދިރުވައި ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް މިހާރު ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބޭރުގެ ހިލޭ އެހީގެ ދަށުން އައްޑޫގެ ދޯންޏެއްގައި އެންވަތް ބަދަލުކޮށް، ގިނަ ވަގުތު އެން ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މިހާރުވެސް ހިނގަމުންދާ ކަމަށެވެ. މިއީ އެން ގިނަ ވަގުތު ގެންގުޅެވޭނެ ކާމިޔާބު ގޮތެއް ކަމަށް ދިރާސާ އިން ފެނިއްޖެނަމަ އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދުފަހަރަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އޭރުން އިރާދަކުރެއްވިއްޔާ ޒަމާނުއްސުރެ ދިވެހި މަސްވެރިން ތަހައްމަލް ކުރަމުން އައި، އެން މުޅަވުމުގެ މައްސަލައަށް ނިމުމެއް ގެނެވުނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގައި މަސްވެރިކަމަށް ދޭ އިސްކަން ބޮޑުކުރުމުގެ ގޮތުން މިފްކޯ ވަކި ކުންފުންޏަކަށް ބަދަލުކޮށްފައިވަނީވެސް މަސްވެރިންގެ ހައްގުތައް ހޯދުމުގައި މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަށް ކަމަށެވެ. އަދި ފެލިވަރު ކާރުހާނާ އިތުރަށް ތަރައްގީ ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އިތުރު 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ ކާރުހާނާއެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ މިފްކޯއިން އަގު އެއްކުރެވިގެން އެކްސްޕޯޓް ކުރާ ދަޅުމަހުގެ ބާވަތްތަކުގެ މިންވަރު އިތުރުކުރުމަށް އޮތް ވަރަށް މުހިންމު ފުރސަތެއް،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން މަސްވެރިކަމުގެ އިގްތިސާދު ކުރިއެރުވުމަށް، ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގޭ މަޝްރޫއުގެ ދެވަނަ ފިޔަވަހި، މި ހިނގާ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގައިވެސް ރައީސް އިއުލާންކުރެއްވި އެވެ. މި ޕްރޮޖެކްޓްގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް އަމާޒުކޮށް މަހުގެ ކޮލިޓީ ރަނގަޅުކުރުމަށް ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަަމުގައި ވިދާޅުވި އެވެ. އެގޮތުން މަސް ބާނާ ވަގުތުން ފެށިގެން އުޅަނދުގައި މަސް ރައްކާކޮށް ބެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކާ ގުޅޭ ތަމްރީނާއި މައުލޫމާތު މަސްވެރިންނަށް މި ޕްރޮގްރާމުގެ ތެރެއިން ލިބޭނެ ކަމުގައި ވިދާޅުވި އެވެ.
"މަސްވެރިން ބާނާ ބޮޑުކަންނެލީގެ ފެންވަރު ރަނގަޅުކޮށް މި ޕްރޮގްރާމްގެ ދަށުން ޝަޝިމީ ގްރޭޑްގެ ބޮޑުކަންނެލި ޕްރޮސެސް ކުރާ ކުންފުނިތަކަށް ލިބޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ. މިއީ މަހުގެ އަގު އުފުލޭނެގޮތް. މަސްވެރިންގެ ތިޔާގިކަން އިތުރުވާނެ މަގު،" ރައީސް ވިދާޅުވި އެވެ.