ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުގެ އިންކުއަރީ ހިންގުމަށް ގޮވާލާ ގަރާރު ކޮމިޓީއަށް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ހުށަހެޅި ގަރާރު މަޖިލީހަށް މިއަދު ބަލައިގަނެފި އެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީ ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓު ދެއްވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

ގަރާރު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

މި ގަރާރު މަޖިލީހަށް ތައާރަފުކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

މި ގަރާރުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށާއި ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް އެކި މީހުން ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން ދިވެހިން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރު ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ސަލާމާތާއި މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް ނުވަތަ އަސަރެއް ކޮށްފައިވާ އެއްވެސް އަމަލެއް ހިންގާވައިވޭތޯ ނުވަތަ އެފަދަ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައިވޭތޯ ދެނެގަނެ އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި ރާއްޖޭގެ މަސައްލަހަތު ބައިނަލްއަގުވާމީ ދުނިޔޭގައި ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ އިތުރުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައިވަނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް އޭރުގެ ސަރުކާރުން ވިއްކާލީ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޕަބްލިކް އިންކުއަރީއެއް ހިންގުމަށް މަޖިލީހުން އިގުރާރުވާ ކަމަށްވެސް މި ގަރާރުގައިވެ އެވެ.