ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ޕީޕީއެމް އިން ވަކިވެވަޑައިގެންފި އެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ނާސިފްގެ އިސްތިއުފާގެ ސިޓީގައި ޕީޕީއެމް ޕީއެންސީ އަދި ސަރުކާރު ހިންގަމުން ގެންދާ ގޮތަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނާސިފް ވިދާޅުވީ ޕީޕީއެމް މިހާރު ހިންގަމުންދަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އެތައް ބައެއްގެ ބުރަ މަސައްކަތުން މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ ވައުދާ އެކު އަދި ކުރީގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތަށް ހަދާފައިވާ ބޮޑެތި ގޯސްތައް ރަނގަޅުކުރަން ކަމަށެވެ.
"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ވެރިކަމުގެ ސިޔާސަތުތައް އެކަށައެޅި ތަރުތީބުވަމުންދާ ގޮތަށް ބަލާއިރު މިހާތަނަށްވެސް ފެންނަމުންދަނީ ތަފާތު ބަހަނާތައް އުފަންކޮށް ދިވެހި ރައްޔިތުން އުއްމީދުކުރި ކަންކަމަށް ފުރަގަސްދީ ދިވެހި ދައުލަތުގެ މޫރިތިކަމާއި އައުދާނަކަން ދެމެހެއްޓުމަށްވީ ވައުދުތައް މަތިން ހަނދުމަނެތި އިހުނަށްވުރެ ބޮޑަށް ހަރާބުގެ މަގު އިހްތިޔާރު ކުރަމުންދާ މަންޒަރު،" ނާސިފްގެ ސިޓީގައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކަންތައްތައް ގޯސްކޮށްދާތީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރެގެން "ނޭއްދާރު ސިޔާސަތު" ތަކަކަށް އަމިއްލަ ނަފްސު ނިސްބަތްކޮށްގެން ހުރުމަކީ ގައުމަށް ޣަދަރުވެރިވުން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތް އެއްކޮށް އެ ޕާޓީއެއްގައި ހޭދަކޮށް އިހްލާސްތެރި އެތައް މަސައްކަތްތަކެއް ކޮށްދެވުނު ޕީޕީއެމްގެ ސެނެޓް މެންބަރުކަމާއި ޕާޓީގެ މެންބަރުކަމުން މިހިނދުން ފެށިގެން އިސްތިއުފާ ދީފީމެވެ." ނާސިހްގެ ސިޓީ ނިންމާލަމުން ބުނެފައިވެ އެވެ.