އިޒްރޭލް

އިޒްރޭލާ ދެކޮޅު ގަރާރާ ގުޅިގެން މިނިސްޓަރު ޒަމީރު ކޮމިޓީއަށް ހާޒިރުކުރަނީ

Dec 12, 2023

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޒްރޭލާ ދެކޮޅު ގަރާރާ ގުޅިގެން މިސަރުކާރުން އިޒްރޭލާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތު އޮޅުންފިލުވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ހާޒިރުކުރަން ފާސްކޮށްފި އެވެ.

ކޮމިޓީގެ މިއަދު ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އެވެ.

ކޮމިޓީއަށް މިނިސްޓަރު ހާޒިރުކުރަން އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ދެކޮޅު ހެއްދެވި އެވެ. ނާޒިމު ވިދާޅުވީ އިޒްރޭލާ ގުޅޭގޮތުން މިސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސިޔާސަތުގެ ވާހަކަ އެތައް ފަހަރަކު ދައްކަވައިފި ކަމަށެވެ.

"އެހެންކަމުން މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުން ވަނީ ހަމަ ވަގުތަކެއް ބޭކާރުވުމަަކަށް،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ދެކޮޅު ހެއްދެވި ނަމަވެސް ކޮމިޓީގެ އަގުލަބިއްޔަތުން ނިންމީ މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

މިގަރާރު މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.

އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އެޅުމަށްޓަކައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ އިމިގްރޭޝަން ގާނޫނަށްވެސް އިސްލާހު ހުށަހަޅާފަ އެވެ. އެ އިސްލާހުގައިވަނީ އިޒްރޭލުގެ ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރާއްޖެ ނުވަދެވޭ ގޮތް ހެދުމަށެވެ.

މީގެއިތުރުން މަޖިލީހުގެ ހާރިޖީ ކޮމިޓީން ވަނީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ ސަރުކާރަށް ސިޓީއަކުން ލަފާ ދީފަ އެވެ. މިސިޓީ ފޮނުވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެނިކޮށް ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިޒްރޭލާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގައި ކުރިން ވިދާޅުވެފަ އެވެ.