މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ގަރާރު މަޖިލީހަށް ތައާރަފުކޮށްފަ އެވެ.
މި ގަރާރުގައި ވަނީ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް ފަސޭހައިން ޔޫއެސް ޑޮލަރު ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދިނުމަށް ގޮވާލާފަ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަކީ މަސްވެރިކަމުގެ ވިޔަފާރިކޮށް މަސް އެކްސްޕޯޓްކޯށް ގައުމުގެ އިގުތިސާދަށް ބޭރު ފައިސާ ވެއްދުމަށް އާމްދަނީ ހޯދާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންކަން މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަކީ ލިބޭނެ ލުއި ފަސޭހަ ކަމެއް ކަމަށާއި އެއީ މަސްވެރިންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ.
ފަސޭހައިން ޑޮލަރު ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ މަސްދޯނި ފަހަރަށް ބޭނުންވާ މުހިންމު ސާމާނު ގަތުމަށް ލިބޭނެ ލުއި ފަސޭހަ ކަމެއްކަންވެސް މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.