މެންބަރު ހުސައިން މުހައްމަދު ލަތީފް

"ތިމާވެއްޓާއި އިންސާނީ ހައްގު ގުޅޭ ގޮތް ގިނަ މީހުންނަށް ނޭނގޭ"

ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ހައްގުތަކާއި ގުޅިފައިވާ މިންވަރު ނޭނގޭ މީހުން ނިސްބަތުން ގިނަވުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗަ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ހުރިހާ އެންމެންނަށްވެސް ކުރިމަތިލާންޖެހިފައިވާ ތިމާވެށްޓާ ގުޅޭ މައްސަލަތަކަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބައިވަންތަ ކަމަށް ނުހަނު ބޭނުންވެފައިވާ ކަމަށެވެ.

ހުސައިންގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިހުރުމުގެ ހައްގަށް ހުރަސްއެޅިގެންދާ ކަން ފާހަގަކުރައްވާފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމީ ކާރިސާތަކުގެ މައްސަލަތަކަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މައްސަލަތަކެއް ކަމުގައި ވިދާޅުވި އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ހައްގުތަކާއި ގުޅިފައިވާ މިންވަރު ނޭނގޭ މީހުން ނިސްބަތުން ގިނަވުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ހެކިތަކުގެ ބޭނުން ހިފައިގެން މިފަރަގު ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި މާލީ ނިންމުންތައް ނިންމާއިރު އިންސާނީ ހައްގުތަކުގެ މައްސަލަތައް މީގެތެރޭގައި ހިމެނުމަށް ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއެޅުން މުހިއްމު،" ނައިބް ރައީސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ އިގްތިސާދީ އަދި ވިޔަފާރީގެ މޮޑެލްތައް އެއްގޮތްކުރުމަށްޓަކައި އެކަމުގައި ތަފާތު އެކިބައިތައް އެކުލެވޭ ރޭވުންތައް ހިމަނަންޖެހޭ ކަމަށެވެ. މީގެ ތެރޭގައި އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި އާދަކާދައަށް ބަދަލުގެނައުމާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެއްބާރުލުން ހޯދުން ހިމެނޭ ކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވިޔަފާރިތައް ޒަމާނީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތައް ބޭނުންކުރަން ފަށާފައިވުމަކީ މިކަމާމެދު އާންމު ވިސްނުން ބަދަލުވާން ފަށާފައިވާ ކަަމުގެ ނިޝާނެއް ކަމަށެވެ. ގާނޫނީ އޮނިގަނޑުތަކާއި، އިޖުރާއަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މުހިއްމު ކަން ފާހަގަކުރައްވައި ތިމާވެށީގެ ގޮތުން ދުޅަހެޔޮ މާހައުލެއް ގާއިމުވެފައި އޮތުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމުގައި ރާއްޖެއިން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވި އެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެ އެއްބާރުލުން ދޭން ކަމަަށާއި ވެށްޓާއި ރަހުމަތްތެރި ގޮތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަރުވަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

މިބައްދަލުވުމަކީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން އިންތިޒާމުކޮށްގެން އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ -- ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުމެކެވެ.