ޓޫރިޒަމް

އަހަރު ނުނިމޭ، އެކަމަކު މިއީ އެންމެ ގިނަ ފަތުރުވެރިން އައި އަހަރު

ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ފަތުރުވެރިން އައި އަހަރަކަށް މިއަހަރުވެ، މިއަހަރުގެ ފަތުރުވެރިކަމުގެ އަމާޒު ހާސިލްކުރުމާ ގާތަށް ޖެހިލައިފި އެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 1،702،831 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. އެކަމަކު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،752،706 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ފަތުރުވެެރިން އައި އަހަރަށް މިވަނީ ވެފަ އެވެ.

ރާއްޖެ އިން އެންމެ ފަހުން ކަނޑައެޅި އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި މިހާރު ބޭނުންވަނީ 47،000 ފަތުރުވެރިންނަށް ވުރެ މަދު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ބައިލައްކަ އިތުރުވެފަ އެވެ.

ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބު

  • 2019 ވަނަ އަހަރު - 1،702،831
  • 2020 ވަނަ އަހަރު - 555،494 ފަތުރުވެރިން
  • 2021 ވަނަ އަހަރު - 1.2 މިލިއަން ފަތުރުވެރިން
  • 2022 ވަނަ އަހަރު - 1.5 މިލިއަން ފަތުރުވެރިން
  • 2023 ވަނަ އަހަރު - 1،752،706 ފަތުރުވެރިން (ޑިސެމްބަރު 12ގެ ނިޔަލަށް)

ޓޫރިޒަމް މިނިސްޓްރީގެ ޑެއިލީ އަޕްޑޭޓް ރިޕޯޓް ދައްކާ ގޮތުން މިހާރު ރާއްޖެއަށް ދުވާލަކު 5،700 ފަތުރުވެެރިންނަށް ވުރެ ގިނައިން ޒިޔާރަތްކުރެ އެވެ. އެހެންކަމުން ރާއްޖޭގެ މިއަހަރުގެ އަމާޒު ހާސިލް ވާނެ ކަމަށް ސަރުކާރުން ވެސް އަދި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުގެ ވެރިންވެސް ގަބޫލުކުރައްވަ އެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގޮތަށް ބަލާއިރު މިވަގުތު އެއްވަނައިގައި އޮތީ ރަޝިއާ އެވެ. އޭގެފަހުން ދެވަނައިގައި އިންޑިއާ އޮތް އިރު ތިންވަނައިގައި އޮތީ ޗައިނާ އެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރިސޯޓާއި ގެސްޓް ހައުސް ހޮޓާތައް އަދި ސަފާރީތައް ހިމެނޭހެން 1،135 ތަނެއް އެބަހުއްޓެވެ. އެ ތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 61،207 އެކެވެ.