ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހަދަމުންދާ އެޕާޓްމަންޓްތަކުގެ ތެރެއިން 500 އަށް ވުރެ ގިނަ އެޕާޓްމަންޓް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
އެފްޑީސީ އިން ހަދަމުންދާ އެޕާޓްމަންޓްތައް ނިމެމުންދާ ގޮތް ނޫސްވެރިންނަށް އިއްޔެ ދައްކާލުމަށްފަހު ހަމްދާން ވިދާޅުވީ މިހާރު ނިމެމުންދާ ހަތަރު ޓަވަރުގައި ހުރި 500 އެއްހާ އެޕާޓްމަންޓްތަކުގެ 95 ޕަސަންޓް ނިމިފައިވާ ކަމަށެވެ. އަދި މިހާރުގެ އަމާޒަކީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ 4،000 އެޕާޓްމަންޓްގެ މަސައްކަތް އެއްކޮށް ނިންމާ، އެ ތަންތަން ލިބޭ މީހުންނަށް އަންނަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ހަވާލުކުރުން ކަމަށެވެ.
"މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު ފެބްރުއަރީގެ ފަހުން ކޮންމެ ދެ މަހަކުން ޓަވަރެއް ނިމެނޭ،" އޭނާ ވިދާޅުވި އެވެ.
ހަމްދާން ވިދާޅުވީ އެފްޑީސީއާ ހަވާލުކޮށްފައިވާ 32 ޓަވަރުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އިދާރީ އަދި ލޮޖިސްޓިކް ބައެއް މައްސަލަތައް ހައްލުކޮށް ޓަވަރުތައް ނިމޭ ވަރަކުން ވަސީލަތްތައް އެހެން ޓަވަރުތަކަށް ބަދަލުކުރަމުންދާ ކަމަށެވެ.
މަޝްރޫއުގެ ހުލާސާއެއް
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.
އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.
ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.