ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ނެޝަނަލް ޑްރަގް އެޖެންސީގެ (އެންޑީއޭ)ގެ ފުރަތަމަ ސީއީއޯ މުހައްމަދު ޝާހިދު (ޝާޑް) ނިކުމެ ވަޑައިގެންފި އެވެ.
ކުޅުދުއްފުށްޓަށް އުފަން ޝާޑް އަކީ ދެ ދާއިރާއަކުން މާސްޓާސް ޑިގްރީ ޚާސިލް ކުރައްވައި ގިނަ ދާއިރާތަކެއްގެ އަމަލީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އެގޮތުން އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކްއީސްލޭންޑްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިންނާއި އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޝާޑު ވަނީ މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ. ޝާހިދު ވަނީ އިންޑިއާގެ ޕޫނޭގެ، މިލިޓަރީ ކޮލެޖުން ސިވިލް އިންޖިނިއަރިން ވެސް ފުރިހަމަކުރައްވާފަ އެވެ.
ޝާޑުގެ މަސައްކަތު ތަޖުރިބާއަށް ބަލާއިރު އޭނާ އެންމެ ފުރަތަމަ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައެވެ.
ޑިފެންސް ފޯސްގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު މޯލްޑިވްސް ޕޮލިސް ޕޮލިސް ސާވިސް އާއި ގުޅިވަޑައިގެން ފުލުހުންގެ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި ޖަމާއަތްތަކުން ރާއްޖޭގައި ހިންގާފައިވާ މުހިއްމު ތަފާތު ޕްރޮޖެކްޓް ތަކުގައިވެސް ޝާޑް މަސައްކަތް ކުރައްވާފައިވެ އެވެ. އެގޮތުން ބައިނަލްއަގްވާމީ ފަންޑެއް ކަމުގައިވާ އޮޕެކް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފަންޑްގެ ޕްރޮޖެކްޓް ޑިރެކްޓަރެއްގެ ގޮތުގައި އާއި މޯލްޑިވަސް ރެޑް ކްރެސެންޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ. އަދި ރާއްޖޭގައި ހިންގަމުންދާ ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ލީޑް ޕްރޮޖެކްޓް ކޮންސަލްޓެންޓެއްގެ ގޮތުގައި މިހާރުވެސް ޝާޑް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ކިޔަވައި ދިނުމާއި އުގަންނައި ދިނުމުގެ ދާއިރާއަކީވެސް ޝާޑް ވަރަށް ޝައުގުވެރިކަމާއެކު ހަރަކާތްތެރިވަމުންދާ ދާއިރާ އެކެވެ. އެގޮތުން ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓުން ހިންގާ ތަފާތު ޓަރޭނިން ޕްރޮގްރާމްތަކާއި އެހެނިހެން ބައެއް ފަރާތްތަކުން ހިންގާ ތަފާތު ޓްރޭނިން ޕްރޮގްރާމްތަކުގައިވެސް ކިޔަވައިދެއްވާފައިވެ އެވެ.
ކުޅުދުއްފުށީގައި ވަރަށް ފޯރިއާ އެކު ޝާޑްގެ ކެމްޕޭން ހަރަކާތްތައް މިހާރު ހިނގަމުން އެބަދެ އެވެ.