ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީޕީއެމް ޕީއެންސީ މަޖިލިސް ޕްރައިމަރީ އަނެއްކާވެސް ޖެނުއަރީ 20 އަށް ފަސްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަނެއްކާވެސް އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީވެސް ކުރިއަށް އޮތް ޖެނުއަރީ 20 ވަނަ ދުވަހު އެވެ. ނަމަވެސް މިމަހުގެ ހަތްވަނަ ދުވަހު ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށް ގެންދިއުމަށްވެސް އިއުލާން ކުރި އެވެ.

ނަމަވެސް މިރޭ ޕީޕީއެމް ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަނެއްކާވެސް ޕްރައިމަރީ ޖެނުއަރީ 20 އަށް ފަސްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ އާންމު މެންބަރުންގެ އެދުމުގެ މަތިންނެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަށްފަހު ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި، ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި އާންމު ކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ. ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް އާންމުކޮށް އިއުލާންކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލުމުން 300 އަށް ވުރެ ގިނަ ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާ ކަމަށްވެ އެވެ.