ދިރާގު

ދިރާގުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކުލާހަށް އެހީތެރިކަން ފޯރުކޮށްދީފި

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ގދ. ތިނަދޫގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކުލާހަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެސްކޫލްގެ ލާނިން ސަޕޯޓް ކުލާހަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފަ އެވެ. މީގެ ތެރޭގައި ތެރޭގައި ކޮމްޕިއުޓާ ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓަރު، ހެޑްސެޓް، ކްލާސްރޫމް ސެޓަޕަށް ބޭނުންވާ ބީންބޭގްތައް އަދި ފްލޯމެޓް ހިމެނެ އެވެ.

ދިރާގުން ބުނީ މި އެހީގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މި ސްޕެޝަލް އެޑިޔުކޭޝަން ޔުނިޓްގެ ކްލާސްރޫމް ސެޓަޕް އިތުރަށް ފުރިހަމަވެގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ދިރާގާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މެނޭޖްމަންޓްގެ ބޭފުޅުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ތިނަދޫ އޮޕަރޭޝަން ސެންޓަރުގެ ދިރާގު މުވައްޒަފުންވެސް ވަނީ ބައިވެރިވެފަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓާ، ކަސްޓަމަ ސާވިސް އެންޑް ރީޖަނަލް އޮޕަރޭޝަންސް މަސްއޫދު އަލީ ވަނީ އެއްވެސް ކުއްޖަކު ބާކީނުކޮށް މުޅި މުޖުތަމައު ޝާމިލުވާ ގޮތަށް، އިންކްލޫސިވް އެޑިޔުކޭޝަން ގާއިމުކުރުމުގެ މުހިއްމުކަން ފާހަަގަކުރައްވާފަ އެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ކުރިއެރުން ލިބޭނެ މާހައުލެއް ގާއިމުކުރުމަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ދޭ އަހަންމިއްޔަތު ކަމަށް ތައުރީފުކުރައްވައި ސްކޫލަށާއި ހުރިހާ ދަރިވަރުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވި އެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވަނީ ލާނިން ސަޕޯޓް ކްލާހަށް ދިރާގުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ލާނިން ސަޕޯޓް ކުލާހަށް އިތުރުވެގެން ދިޔަ ވަސީލަތްތަކުގެ ސަބަބުން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހެޔޮ ބަދަލެއް ގެނެވި އިންކްލޫސިވް އެޑިޔުކޭޝަން ފޯރުކޮށްދިނުމަށް ސްކޫލުން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމައަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަަމަށް އެ ކުންފުނިން ބުނެ އެވެ. މިގޮތުން ދިރާގުން މިހާރުވެސް ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމައުގައި ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.