ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ އިންތިހާބުގައި ވާދަނުކުރަން ބައްސާމް ނިންމަވައިފި

Dec 17, 2023

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާނުކުރައްވައިފި އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން ބައްސާމް އިއުލާނު ކުރެއްވީ އެފްއޭއެމްގެ މީޑިއާ ގުރޫޕުގައި ހިއްސާކުރެއްވި ބަޔާނެއްގަ އެވެ.

ބަޔާނުގައި ބައްސާމް ވަނީ ދިވެހި ފުޓްބޯޅަ އާ ޒައާމަތެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ދެކޭ ކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 1:00އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މި އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު އެފްއޭއެމް ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ވަނީ އިސްތިއުފާދީފަ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުންދާއިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވަނީ ހުއްޓުވާފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވަނީ ބައްސާމަށް ދައުވާކުރާނެ ކަމަށް ބުނެފަ އެވެ.

އެފްއޭއެމްއަށް ބޭރުގެ އެކިއެކި އިދާރާތަކުންނާއި ސްޕޮންސަރުންގެ އަތުން ލިބޭ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާއަށް އެތަނުގެ އިސްވެރިން ހިޔާނާތްތެރިވެ މުވައްޒަފުންނަށް ގަވައިދުން މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފަ އެވެ.