މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖަށް ގެންދާ އަގު ކުޑަކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު: ޝަކީލް

ރާއްޖެއިން ހައްޖަށް ގެންދާ މީހުންގެ އަތުން މިހާރު ނަގަމުންދާ އަގު ކުޑަކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވީ އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެ ކުންފުނިން ގެންދަންވީ މިސްރާބާއި ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އޮޅުންފިލުއްވައިދެއްވި ކަމަށެވެ.

ރައީސްގެ އެންމެ ބޮޑު އަމާޒަކީ ހައްޖަށްދާ މީހުން ދައްކާ ފައިސާ، ފައިދާ ހުރި އިންވެސްޓްމަންޓް ފަންޑަަކަށް ބަދަލުކޮށް އެ ފަންޑުން ފައިދާ ހޯދައިގެން ދިވެހި ރައްޔިތުން ހައްޖަށް ދިއުމަށް ދައްކާ އަދަދު ކުޑަކުރުން ކަމަށް ޝަަކީލް ވިދާޅުވި އެވެ. ހައްޖަށް ދިއުމަށް ރައްޔިތުންގެ އަތުން ކުރާ ހަރަދު ކުޑަކުރުމަކީ ހައްޖު ކޯޕަރޭޝަން އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަށްވާތީ އެކަން މިފަސް އަހަރު ތެރޭގައި ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ޝަކީލް ވިދާާޅުވި އެވެ.

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މިހާރު ހައްޖަށްދާ މީހުން ދައްކަނީ 69،965 ރުފިޔާ އެވެ. އެއީ ވަރަށް ބޮޑު އަގެއް ކަމުގައި ޝަކީލް ގަބޫލުކުރައްވަ އެވެ. އަދި އެ އަދަދު 40،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކުޑަކުރެވިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވި ގޮތުގައި ހައްޖަށް ގެންދާ އަގު އެހާ ބޮޑީ ސައުދި އަރަބިއްޔާގައި އަހަރުން އަހަރަށް ތަކެތީގެ އަގުތަކާއި ހައްޖުވެރިން ތިބޭ ހޮޓާ ތަކުގެ އަގާއި އަދި ޓިކެޓުގެ އަގުވެސް ބޮޑުވަމުންދާތީ އެވެ.

"އިތުރު ޓެކްސްތައްވެސް ސައުދީން މިދަނީ ތައާރަފް ކުރަމުން. މިއިން ކޮންމެ ކަމަކާ ގުޅިގެން އަގު އެބައުފުލޭ،" ޝަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޖަށް ގެންދާ އަގު ކުޑަކުރުމަށްޓަކައި އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަންކުރެވޭނެ ކިތަންމެ ގޮތެއް ހުރިކަން ފާހަގަކުރައްވައި ޝަކީލް ވިދާޅުވީ އެ ކުންފުނީގެ ބިޒްނަސް ޕްލޭން ވަރަށް އަވަހަށް ފައިނަލް ކުރާނެ ކަމަށެވެ. އޭރުން ބިޒްނަސް ޕްލޭނާ އެއްގޮތަށް އެކި ދާއިރާތަކުގައި ފައިސާ އިންވެސްޓް ކުރެވި ކުންފުންޏަށް އަބަދުވެސް އާމްދަނީ ލިބިލިބި ހުންނަ އިންވެސްޓްމަންޓްތަކެއް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަން ހާސިލް ކުރުމަށްޓަކައި އެކްޓިވް އިންވެސްޓްމެންޓް ތަކެއް ކުރުމަށް ރައީސް ވަނީ އަންގަވާފައި. އަދި ހައްޖު ކޯޕަރޭޝަނަަށް ލިބޭ އާމްދަނީން ޑިވިޑެންޑް ސަރުކާރަށް ދެއްކުމުގެ ބަދަލުގައި އަނބުރާ އެ ފައިސާ ރައްޔިތުންނާ ހަމައަށް ގެންގޮސްދީގެން ހައްޖުގެ އަގު ކުރެވޭނެ ގޮތަށް މަސައްކަތް ކުރާނެ ގޮތްތަކެއް ރައީސް ވަނީ ހިއްސާކުރައްވާފައި،" ޝަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޖަށް ދިއުމަށް އެއްކުރާ ފައިސާއަކީ އެންމެ މުހިއްމު ދީނީ އަޅުކަމަށް އެއްކުރާ ފައިސާ ކަމަށްވާތީ އެ ފައިސާ އިންވެސްޓްކުރަނީ އިސްލާމީ ޝަރީއާ ހުއްދަކުރާ ދައިރާގެ ތެރޭގައި ކަމަށެވެ. ކުންފުނީގެ ކަންކަން މިހާރު އިންތިޒާމު ކުރެވިފައިވާ ގޮތުން ހައްޖަށް މީހުން ގެންދަނީ ކުންފުންޏަށް ގެއްލުމުގެ ކަމަށާއި އެކަން އެގޮތަށް ކުރެވެނީ ސަރުކާރުގެ އެހީތެރިކަން ލިބިގެން ކަމުގައި ވިދާޅުވި އެވެ. އުމްރާއަށް މީހުން ފޮނުވުމުގެ މަސައްކަތްވެސް މިވަގުތު ހިނގަމުންދަނީ އެކަމުން ކުންފުންޏަށް މާބޮޑު މަންފާއެއް ލިބޭ ގޮތަށް ނޫން ކަމަށާއި ނަމަވެސް އެއީވެސް ކުންފުންޏަށް އާމްދަނީ ނެރެވިދާނެ ކަމެއް ކަމުގައި ވިދާޅުވި އެވެ.

"ފައިސާގެ 100 ޕަސަންޓް ރައްކާކުރުމަށް ކުރެވޭނެ ކަންކަން ބަލާފައި ނޫނީ އިންވެސްޓް ކުރުމުގެ ތެރެއަށް އަޅުގަނޑުމެން ނުވަންނާނަން،" ޝަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަންގައި ހުރި ދިވެހި ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާ ހިލާފަށް ފައިދާވާ ބޮޑު ކުންފުންޏަކަށް އެ ކުންފުނި ހެދޭނެ ކަމަށެވެ. މިސާލެއް ދައްކަވަމުން ޝަކީލް ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ފަންޑަކީ ޕެންޝަން ފަންޑެވެ. ނަމަވެސް ރަނގަޅު ބިޒްނަސް ޕްލޭނެއްގެ ތެރެއިން ހައްޖު ކޯޕަރޭޝަންގައި ހުރި ފައިސާ އިންވެސްޓް ކުރެވިއްޖެނަމަ ހައްޖު ކޯޕަރޭޝަންގައި އޮތް ފަންޑަކީ އެންމެ ބޮޑު އެއް ފަންޑަށް ހެދޭނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ރިސްކު ކުޑަ އެހެންނަމަވެސް ރަނގަޅު ނަފާއެއްް ލިބޭ ވިޔަފާރިތަކަށް ވަނުމުގެ ވިސްނުން މިހާރު އެބަ ގެންގުޅެން. އަދި ވަރަށް ޓްރާންސްޕޭރެންޓްކޮށް ރައްޔިތުންނަށް ފެންނަ ގޮތަށް އިންވެސްޓްމެންޓް ކުރިއަށް ގެންދެވޭނެ،" ޝަކީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތަކަށް ކޭޝް ފްލޯގެ މައްސަލަ ކުރިމަތިވެފައިވީ ނަމަވެސް ހައްޖު ކޯޕަރޭޝަނަށް އެފަދަ މައްސަލައެއްވެސް ނެތް ކަމަށެވެ. ހައްޖު ކޯޕަރޭޝަނަށް ބޭނުންވާ މިންވަރަށް ޑޮލަރު ހަމަޖައްސައިދިނުމުގައި ދައުލަތުގެ އިދާރާތަކުން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާތީ ޑޮލަރު ލިބުމުގައިވެސް ހައްޖު ކޯޕަރޭޝަނަށް ދަތި ކަމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.