ކެބިނެޓް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދޭން އުސޫލެއް ހަދަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައާ ގުޅިގެންނެވެ.

މިކަމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ ނުވަ ހަފުތާ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަމެކެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާ މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލާ އުސޫލުގައި ދިވެހި ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސަވާނެ އެވެ.

މިއުސޫލުގައި ހިމެނިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައި، ވަޒީފާގެ މާހައުލުގައި ދިމާވެދާނެ ގޮންޖެހުންތައް ނައްތާލުމާއި، ޑިސްއެބިލިޓީ ސެންސިޓައިޒިން ތަމްރީން ކުރިއަށްގެންދިއުން ފަދަ ކަންކަން ހިމަނާފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 12,011 މީހެއް ހިމަނާފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.