ކެބިނެޓް

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކުރަން ނިންމައިފި

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ވަޒީރުން ދެއްވި ލަފާގެ މަތިންނެވެ.

އެގޮތުން ޔޫޕީއައި ތައާރަފްކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް ހަމަޖައްސާފައިވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ.

މީގެ އިތުރުން ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، އިކޮނޮމިކް މިނިސްޓްރީ ލީޑް ކުރާގޮތަށް، ފިނޭންސް މިނިސްޓްރީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭހެން އިންޓަ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވާލުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.