އެސްޓީއޯ

އެސްޓީއޯ އިން ފިޔާ ރާއްޖެ ގެނެސް އަގު ކޮންޓްރޯލް ކުރަނީ

ރާއްޖޭގައި ފިޔާ ވިއްކާ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީ އެސްޓީއޯ އިން ރާއްޖެއަށް ފިޔާ ގެނެސް އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާގެ ބާޒާރުގައި އޮގަސްޓް މަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރު މަހު ރާއްޖޭގެ ބާޒާރަށްވެސް އެނގުން ވެލާފައިވާ ކަމަށެވެ.

"ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރުކޮށް 400 ރުފިޔައަށް ފިޔާ ބަސްތާއެއްގެ އަގު އުފުލިފައިވާކަން ފާހަގަކުރެވެ އެވެ. މިއާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ އަގަކަށް ވަނީ އުފުލިފަ އެވެ،" ބަޔާނުގައިވެ އެވެ.

އެސްޓީއޯ އިން ބުނީ ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއްބާވަތެއް ކަމަށްވާ ފިޔާގެ އަގު މައްޗަށް ދިއުމުން އެކަމުގެ ޝަކުވާ އެ ކުންފުންޏަށްވެސް ލިބެމުންދާ ކަމަށެވެ. އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީ އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށްވާތީ ފިޔާ އަގު ބޮޑުވުމުން އޮތް ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އެގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާގެ މިންވަރު ދެނެގަނެ، ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4،500 ބަސްތާގެ ފިޔާ އެސްޓީއޯ އިން މިހާރު ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތައް މެދުވެރިކޮށް ކަމަށެވެ. ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެސްޓީއޯ އިން ކަނޑައަޅާފައިވާ އެންމެ މަތީ އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް ޝަރުތުކުރުމަށް ފަހު ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

"އެސްޓީއޯއިން އިލްތިމާސް ކޮށްފައިވާނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ ފިޔާ ލިބުން ދަތިވުމުގެ މައްސަލަ އާއި ފިޔާގެ އަގު ދަށްވެ ބާޒާރު ހަމައަކަށް އެޅެންދެން އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ކުރަމުންދާނެ ކަމަށެވެ.