ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ދައުރު ތިންވަނަ ފަހަރަށް އިތުރުކުރަނީ

ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ތިންވަނަ ފަހަރަށް އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މި ދައުރު އިތުރުކުރަން ހުށަހެޅުއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.

ދައުރު އިތުރުކުރަން ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްވުމުންނެވެ.

މަޖިލީހުގައި މިއަދަކީ މި ދައުރުގެ ފަހު ޖަލްސާކަން ފާހަގަ ކުރައްވާ އަސްލަމް ވަނީ ވަޒީރުންނަށް މިއަދު ވޯޓަށް އެހޭ ގޮތް ނުވުމުން ދައުރު ދިގު ދަންމާލުމަށް ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ދައުރު ދިގު ދަންމާލާ މުއްދަތެއް އަސްލަމް ވިދާޅެއްނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެކަން ވަނީ ފަސްކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީހުގެ މިއަދު އެޖެންޑާގައިވާ މައްސަލައެއް ފެންމަތިކޮށްފަ އެވެ. އެގޮތުން ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއިރު ރައީސް މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ.

ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދެވޭނީ އެ ވަޒީރުން ހަވާލުވާ ވުޒާރާގެ މެންޑޭޓް ސާފުވެގެން ކަމަށެވެ. ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވިއިރު އެ ރިޕޯޓްގައި އެބައި ހިމަނާފައި ނުވާތީ ވުޒާރާތަކުގެ މެންޑޭޓް ނެތި ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ ގާނޫނުއަސާސީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހަށް ލިބެންވާނެ ކަމުގައި ވިދާޅުވި އެވެ.

ހިސާން މިމައްސަލަ ނެންގެވުމާ އެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަނެ އެކަމުގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއިއި މައިނޯރިޓީ ލީޑަރު އަލީ އާޒިމުއާ މަޝްވަރާ ކުރެއްވުމަށް ކުޑަވަގުތު ކޮޅަކަށް މަޖިލިސް މެދުކަނޑާލާފަ އެވެ.

އޭގެފަހުން މަޖިލިސް ފެށުމަށްފަހު އަސްލަމް ވިދާޅުވީ ހިސާން ނެންގެވި ނިޒާމީ މައްސަލައިގައިވާ ގޮތަށް ކޮމިޓީ ރިޕޯޓް އެކުލަވާލާފައިވަނީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް، އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ މި ދައުރުގެ މުއްދަތު ދިގު ދަންމާލާ ތިންވަނަ ފަހަރެވެ. މަޖިލީހުގެ މި ދައުރުގެ މުއްދަތު ފުރަތަމަ ދިގު ދަންމާލީ މިމަހުގެ ހަތްވަނަ ދުވަހަށެވެ. ދައުރުގެ މުއްދަތު މިއަދާ ހަމައަށް އިތުރުކުރީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.