މުހައްމަދު ސައީދު

ބިދޭސީންގެ އަދަދު ހިމެނޭ ރިޕޯޓު ޑިލީޓްކުރީ އަންގައިގެނެއް ނޫން: ސައީދު

ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގޭ ގޮތަށް އެންމެފަހުން އާންމުކުރި ރިޕޯޓްތައް އިކޮނޮމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނެގީ އޭނާ އަންގައިގެން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވީ ބިދޭސީންގެ އަދަދުތައް އެނގޭ ރިޕޯޓް އާންމުކޮށް އިކޮނޮމިކް މިނިސްޓްރީގެ ޓްވިޓާ -- އެކްސްގައި ކުރި ޕޯސްޓް ޑިލީޓްކުރި މައްސަލަ ތަހުގީގު ކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

"އިކްނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓްވީޓެއް އަޅުގަނޑު އަންގައިގެން ޑިލީޓްކޮށްފައެއް ނުވާނެ. އެކަންކުރި ސަބަބު ތަހުގީގުކުރަން މިހާރުވާނީ އަންގާފައި،" ސައީދު ވިދާޅުވި އެވެ.

އެ ރިޕޯޓް ޑިލީޓްކޮށްލާފައިވާއިރު ބަންގްލަދޭޝް އިން އަލުން މަސައްކަތްތެރިން ގެނެވޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100،000 މީހުންނެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބަންގްލަދޭޝްގެ 139،220 މަސައްކަތްތެރިން ރާއްޖޭގައި އުޅެ އެވެ.