ރައްޔިތުންގެ މަޖިލިސް

ޑިސެމްބަރު 28 އަށް ދައުރު ދިގުދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިދައުރު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމާމެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ފާސްވީ ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

މިއީ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.

މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީހުގެ މިއަދު އެޖެންޑާގައިވާ މައްސަލައެއް ފެންމަތިކޮށްފަ އެވެ. އެގޮތުން ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއިރު ރައީސް މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ.

ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދެވޭނީ އެ ވަޒީރުން ހަވާލުވާ ވުޒާރާގެ މެންޑޭޓް ސާފުވެގެން ކަމަށެވެ. ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވިއިރު އެ ރިޕޯޓްގައި އެބައި ހިމަނާފައި ނުވާތީ ވުޒާރާތަކުގެ މެންޑޭޓް ނެތި ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ ގާނޫނުއަސާސީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ވުޒާރާތަކުގެ މެންޑޭޓް ރައްޔިތުންގެ މަޖިލީހަށް ލިބެންވާނެ ކަމުގައި ވިދާޅުވި އެވެ.

ހިސާން މި މައްސަލަ ނެންގެވުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަނެފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއިއި މައިނޯރިޓީ ލީޑަރު އަލީ އާޒިމުއާ މަޝްވަރާ ކުރެއްވުމަށްފަހު އަސްލަމް ވިދާޅުވީ ހިސާން ނެންގެވި ނިޒާމީ މައްސަލައިގައިވާ ގޮތަށް ކޮމިޓީ ރިޕޯޓް އެކުލަވާލާފައިވަނީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް، އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.