ރައްޔިތުންގެ މަޖިލިސް

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ފާސްކޮށްފި

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ބިލު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސްވީ ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް މި ބިލު ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްދެވޭ ފަދަ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުން ހިމެނެ އެވެ.

އެ ގޮތުން މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާ ގުޅޭ ގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ. އަދި މަސައްކަތު މާހައުލުގައި މަސައްކަތްތެރިންނަށް ލިބޭ އަނިޔާ އާއި ގެއްލުންތަކަށް ބަދަލުދެވޭނެ ނިޒާމެއް ކަނޑައެޅުން ހިމެނެ އެވެ.

މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް ހާނީއްކައެއް ނުވަތަ އަނިޔާއެއް ވެއްޖެނަމަ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާއާއި ހިދުމަތް ނުވަތަ ލިބުނު ގެއްލުމަކަށް ފަރުވާކުރެވޭނެ ވަސީލަތްތައް އިތުރު އަގެއް ނެގުމަކާ ނުލައި މަސައްކަތްތެރިންނަށް ހަމަޖައްސައިދޭން ވާނެ ކަމަށް މި ބިލުގައި ހިމަނާފައިވެ އެވެ.