މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނަށް ހާއްސަ ހައްޖު ޖާގައަށް ހުޅުވާލައިފި

ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން އަލުން ހުޅުވާލައިފި އެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ 1445 ވަނަ އަހަރު ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުމަށް އެ ކުންފުންޏާ ހަވާލުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސުމާއި ގުޅިގެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހާއްސަ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން 1445 ވަނަ އަހަރުގެ ހައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން ފަސް ޕަސަންޓް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ މީހުންގެ ތެރެއިން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންނަށް ހާއްސަކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންނަށް ހާއްސަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.