ބާ ކައުންސިލް

އަމިއްލަ އިސްނެގުމަށް ވަކީލުންގެ މައްސަލަ ބެލޭނެ އުސޫލެއް ހަދައިފި

ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމަށް ވަކީލުންގެ ސުލޫކީ މައްސަލަތައް ބެލުމާ ބެހޭ އުސޫލެއް އެކުލަވަލައި އަމަލުކުރަން ފަށައިފި އެވެ.

އަމިއްލަ އިސްނެގުމުގެ މަތިން ސްލޫކީ މައްސަލަ ބެލުމާ ބެހޭ އުސޫލުގެ ނަމުގައި އެކުލަވާލައި އިއްޔެ ގެޒެޓްކޮށްފައިވާ މިއުސޫލަކީ ގާނޫނީ ފަންނުގެ ގާނޫނުން ބާރު ލިބިގެން އެކުލަވާލާފައިވާ އުސޫލެކެވެ.

މިއުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި މަސައްކަތުގެ ދާއިރާގައި ވަކީލުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑު ހިފަހައްޓާތޯ ފާރަވެރިވުން ހިމެނެ އެވެ. ވަކީލެއްގެ ހުއްދަ ހިފަހައްޓާފައި ވަނިކޮށް ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމާއި ކޯޓަށް ގޮސް ވަކާލާތު ކުރާ ފަރާތްތައް ދެނެގަތުންވެސް ހިމެނެ އެވެ. އަދި އާންމު މަސްލަހަތާ ގުޅުންހުރި މައްސަލަތަކުގައި ސޯޝަލްމީޑިއާ އާއި އެހެނިހެން ޕްލެޓްފޯމުތަކުގައި ވަކީލުން އަމަލުކުރާ ގޮތް ބަލައި ފިޔަވަޅު އެޅުންވެސް މިއުސޫލުގައި ހިމެނެ އެވެ.

އުސޫލުގައިވާ ގޮތުން ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމުގެ މަތިން ވަކީލެއްގެ މައްސަލަ ބެލޭނީ އެ މައްސަލައެއްގެ އަމަލު ހިނގި ފަހުން ދެ އަހަރު ވެފައި ނުވާ މައްސަލަތެކެވެ.

އުސޫލުގައިވާ ގޮތުން އަމިއްލަ އިސްނެގުމަށް މައްސަލައެއް ބެލޭނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއަށް އެ މައްސަލައެއް ހުށަހަޅައި ކޮމިޓީން ބަލަން ނިންމުމުންނެވެ. މިއުސޫލުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ކަމަށްވެސް އުސޫލުގައިވެ އެވެ.