އިސްލާމިކް މިނިސްޓްރީ

ގައުމީ ސަލާމް ކިޔުން ހުއްދަ: ފަތުވާ

ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަޖިލީހުން ކަނޑައަޅައިފި އެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރެފައިވާ ފަތުވާއެއްގައި ބުނެފައިވަނީ ގައުމީ ސަލާމު ކިޔުމާއި، އެވަގުތު ކޮޅަށް ތެދުވެ މޭމަތީގައި އަތް ބޭއްވުމަކީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ އެކަން ހަރާމް ކުރާނެ ދަލީލެއް ނެތް ކަމަށެވެ.

"މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމްކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގަ އެވެ." ފަތުވާގައިވެ އެވެ.

ގައުމީ ސަލާމް ކިޔުން މިފަހުން މައްސަލައަކަށްވީ އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ފެށުމުގެ ކުރިން ގައުމީ ސަލާމުން ކިޔެވުން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެންނެވެ.

ވަޒީރުންގެ މަޖިލީހުން މިމަހުގެ ފަސްވަނަ ދުވަހު މިގޮތަށް ނިންމުމާ ގުޅިގެން އެއީ ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ ބައެއް އިލްމުވެރިން ވާހަކަދެއްކެވި އެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން މީގެ އަހަރުތަކެއް ކުރިންވެސް ފެށީ ގައުމީ ސަލާމުންނެވެ. ނަމަވެސް އޭރުވެސް އެކަން ހުއްޓާލަން ޖެހުނީ ބައެއް އިލްމުވެރިން އެކަމާ ދެކޮޅަށް ތެދުވުމުންނެވެ.