ތިމާވެށި

19 ރަށެއްގައި ކަރަންޓް ވިއުގަ ރަނގަޅުކުރަން ހަވާލުކޮށްފި

ރާއްޖޭގެ 19 ރަށެއްގެ ކަރަންޓު ވިއުގަ ރަނގަޅު ކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެރައިޒް ޕްރޮޖެކްޓްގެ ދަށުން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނަންޖިން ޑާޖީ ސްޓީލް ޓަވާ މެނުފެކްޗަރިން ކޯ ލިމިޓްއާ އެވެ. މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަންގް ކެލިން ކޯ ލިމިޓެޑާއެކު ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ އެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ.

ނަންޖިން ޑާޖީ ސްޓީލް ޓަވާ މެނުފެކްޗަރިން ކޯ ލިމިޓްގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ލީ ގިއަންގްްއެވެ. މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޔިން ގިންގެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ރަށްތަކުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކޮށް، ކަރަންޓުގެ ނިސްބަތުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ތެރެއިން ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުގެ ސަބަބުން އިންޖީނުގޭގެ އޮޕަރޭޓިންގް ހާލަތު ވަގުތުން ބަލާލެވޭނެ އެވެ.

މިގޮތަށް ނެޓްވޯކް އޮޓަމޭޓްކުރެވުމުން ހައިބްރިޑް ކަރަންޓު ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރުމާއި ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓުކެނޑޭ ހާލަތްތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދިއުމާއި ކަރަންޓު ވިއުގައިގެ ގިނަ މައުލޫމާތުތައް ބޭނުން ވަގުތެއްގައި ފަސޭހަކަމާއެކު އޮޕަރޭޓަރުންނަށް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ އަށް ރަށެއްގަ އެވެ. އަދި ދެވަނަ ފިޔަވަހި އާއި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވަހި އެއްކޮށް 11 ރަށެކެވެ.

ފުރަތަމަ ފިޔަވާހިގައި ހިމެނޭ ރަށްތައް

  • ސ. ފޭދޫ
  • ސ. މަރަދޫ ފޭދޫ
  • މަރަދޫ
  • ހިތަދޫ
  • ހުޅުދޫ
  • މީދޫ
  • ފުވައްމުލައް
  • ގދ. ތިނަދޫ

ދެވަނަ ފިޔަވަހީގައި ހިމެނޭ ރަށްތައް

  • ބ. އޭދަފުށި
  • ޅ. ހިންނަވަރު
  • ހދ. ކުޅުދުއްފުށި

ތިންވަނަ ފިޔަވަހީގައި ހިމެނޭ ރަށްތައް

  • ލ. ފޮނަދޫ
  • ލ. އިސްދޫ
  • ލ. ކަލައިދޫ
  • ލ. ދަނބިދޫ
  • ލ. މާބައިދޫ
  • ލ. ކުނަހަންދޫ
  • ލ. ހިތަދޫ
  • ށ. ފުނަދޫ

މި މަޝްރޫއަށް އައިޑީއޭ އިން ހިލޭ އެހީގެ ގޮތުގައި 6.2 މިލިއަން ޑޮލަރު ދީފައިވާއިރު އޭއައިއައިބީ އިން 20 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ޕްރޮޖެކްޓް ނިމުމުން ކުރިއަށް އޮތް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވޯކް އިންފްރާސްޓްރަކްޗާ ކަށަވަރުވެ، ގިނަ ރަށްތަކުގައި ދިމާވެފައިވާ ވޮލްޓޭޖްޑްރޮޕް މައްސަލަތައް ހައްލުވާނެ އެވެ.