ދުނިޔެ

ޒަޔަނިސްޓް ޔަހޫދީން ލުބުނާނަށް އަރައިގަންނަން ވިސްނަނީ

ފަލަސްތީންގެ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތަށް ހިރިނުލެވޭ ވަރުކޮށްފައި ޒަޔަނިސްޓް ޔަހޫދީ ސިފައިން ލުބްނާނަށް އަރައިގަތުމަށް ރާވަމުންދާ ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ ސިފައިންގެ ބޭނުމަކީ ލުބްނާންގެ ދެކުނު ސަރަހައްދުތަކުން ހިޒްބުﷲ ބޭރުކޮށް، ވިއްސިވިހާލި ކުރުމެވެ.

ޔަހޫދީ އަސްކަރިއްޔާގެ ވިސްނުމަކީ ޣައްޒާއަށް ކުރިވަރު ލުބްނާނަށް ކުރުމެވެ.

ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކާ ދުރައްޖެއްސުމަށް -- ބޯޑަރު ހުރަސްކޮށް އަސްކަރީ ބާރުތައް ލުބްނާނަށް އަރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޔަހޫދީ ދިފާއީ ބާރުތަކުން ބުނާ ކަމަށް ހަބަރުތައް ބުނެ އެވެ.

އޮކްޓޯބަރު ހަތެއްގައި ޒަޔަނިސްޓް ޔަހޫދީން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ހިޒްބުﷲ ޖަމާއަތުންވެސް ޔަހޫދީ އާބާދީތަކަށް -- ދޭތެރެ ދޭތެރެއިން ހަމަލާތައް ދެއެވެ. މި ހަމަލާތަކުގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ވެސް ވެއެވެ.

ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣާއްޒާއިން 19،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ހަމާސްއިން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކުގައި 1،200 ޔަހޫދީއަކު ވަނީ މަރުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމާސް އިން ދިން ހަމަލާތަކުގައި މަރުވި ޔަހޫދީންގެ އަދަދު ހިސާބުކޮށްފައި ވަނީ އޮޅުވާލައިގެންނެވެ. އެއީ ޔަހޫދީންނަށް ދުނިޔެއިން އޯގާތެރިކަން ހޯދުމަށެވެ.

ޒަޔަނިސްޓް އަސްކަރިއްޔާ އިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ލުބްނާނުން ކުރަނީ ވަރަށް ކުޑަވަރެކެވެ.

ހިޒްބުﷲ ބުނާ ގޮތުން އެ ޖަމާއަތުން އަދި ރަނގަޅު ހަމަލާއެއް ޔަހޫދީ އާބާދީތަކަކަށް ނުދެ އެވެ. ނަމަވެސް ޒަޔަނިސްޓުން މިހާރު ވިސްނަމުންދާ ގޮތަށް -- ލުބްނާނަށް އަރައިގެންފިނަމަ ހިޒްބުﷲގެ އަތުގައި ހުރި ޒަމާނީ ހަތިޔާރުން ކުޅިދައްކާލާނެ ކަމަށް ބެލެވެ އެވެ.

ހިޒްބުﷲ ޖަމާއަތުން ވެސް ވަނީ މިފަދައިން ވާހަކަދައްކާފަ އެވެ. ހިޒްބުﷲގެ އޮފިޝަލުން ބުނާ ގޮތުން ޔަހޫދީ އާބާދީތަކަށް މިވަގު ދެވެނީ ފެންވަރު ދަށް ހަމަލާތަކެކެވެ. ނަމަވެސް ޔަހޫދީންގެ ރޭވުމާ އެއްގޮތަށް ލުބްނާނަށް އަރައިގެންފިނަމަ ހަމަލާތައް އިތުރުކުރާނެ ކަމަށް ހިޒްބުﷲ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ހިޒްބުﷲ އަކީ ހަމާސްއަށް ވުރެ ގާބިލު އަދި އެ ޖަމާއަތުގައި ދިގު ރާސްތާ މިސައިލާއި ފެންވަރު ރަނގަޅު ޑްރޯން ހުރި ކަމަށް ބުނާ ޖަމާއަތެކެވެ.