ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު މުހައްމަދު އާތިފް އެވެ. ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ މި އެއްބަސްވުމަކީ އެ ކުންފުނިން ހިންގަމުންދާ ކުޅުދުއްފުށީ އެއާޕޯޓާ ޖެހިގެން އުތުރަށް އޮންނަ ކުޅި ހިމެނޭ ހުސްބިމުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށާއި އެ މަސައްކަތަށް ފަންޑު ހޯދުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މިފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމީ އެ ބިމަކީ މިވަގުތު އެއްވެސް ކަމެއް ނުކޮށް އޮތް ތަނަކަށްވާތީ ފައިދާއެއް ލިބޭ ގޮތަށް އެތަން ތަރައްގީކުރުމަކީ ކުޅުދުއްފުށި ރައްޔިތުންނަށްވެސް އެންމެ މަންފާ ހުރި ގޮތް ކަމަށް ފެންނާތީ ކަމަށްވެސް ބުންޏެވެ. މިމަޝްރޫއާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ މާކެޓްގައި ކުޅުދުއްފުށި އިތުރަށް ޕްރޮމޯޓް ވާނެ ކަމަށްވެސް ބުންޏެވެ.

ރީޖަނަލް އެއާޕޯޓްސް އިން އިތުރަށް ބުނީ މިމަޝްރޫއު ހަގީގަތަކަށް ވެގެން ދިއުމުން ކުޅުދުއްފުށި އެއާޕޯޓަށް ދަތުރުކުރާ ފްލައިޓްތައް އިތުރުވެ އެ ސިޓީގައި އިތުރު ވަޒީފާތައްވެސް އުފެދިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން މިވަގުތު ބޮޑު ހޭދައެއް ކުރަމުންދާ ކުންފުނިތަކުގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް ހިމެނޭއިރު އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ފައިދާވާ އަދި ސަރުކާރުގެ ބަޖެޓަށް ބަރޯސާ ނުވެ ހިންގާ ކުންފުންޏަކަށް ވުމެވެ.