ރީޖަނަލް އެއާޕޯޓްސް

ޕްރެޝާ ފެޑް ސިސްޓަމް ބޭނުންކުރުން ހުއްޓާލައިފި

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ޕްރެޝާ ފެޑެއް ގޮވާ ހިނގި ހާދިސާއާ ގުޅިގެން ރާއްޖޭގެ އެއާޕޯޓްތަކުގައި ޕްރެޝާ ފެޑް ސިސްޓަމް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ނޭޝަނަލް ފަޔާ ޕްރޮޓެކްޝަން އެސޯސިއޭޝަންގެ މިންގަނޑަށް ފެތޭ ފެކްޓްރީއަކުން އެ ސިސްޓަމްތައް ޗެކްކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ޕްރެޝާ ފެޑް ސިސްޓަމްތައް ނޭޝަނަލް ފަޔާ ޕްރޮޓެކްޝަން އެސޯސިއޭޝަންގެ މިންގަނޑަށް ފެތޭތޯ ބެލުމުގެ މަސައްކަތް ކުރަން މި ނިންމީ. އެ ސިސްޓަމްތައް ބޭނުން ނުކުރަން އެނގީ ވަގުތީ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.

އަލިފާން ނިއްވުމުގެ ތަމްރީންތަކުގައި ބޭނުންކުރާ ފްރެޝާ ފެޑް ސިސްޓަމެއް ގޮވާ ކުޅުދުއްފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި އެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާ ދިނުމަށް މާލެ ގެނެސް އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށް އާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.