ކުޅުދުއްފުށީ އެއާޕޯޓް

ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްްޖެ

ހދ. ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

މިހާދިސާގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އަނިޔާވި މީހުންގެ ތެރެއިން 37 އަހަރުގެ ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ. މި މީހާގެ އިތުރުން ދެން އަނިޔާވީ އަންހެނަކާއި ދެ ފިރިހެނަކަށެވެ.

އަނިޔާ ލިބުނު މީހުންނަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މި މީހުންގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށި އެއާޕޯޓްގައި ތަމްރީން ތަކުގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވައި ހަމަށާއި މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ކުޅުދުއްފުށި އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިންނެވެ.