ކުޅުދުއްފުށީ އެއާޕޯޓް

ކުޅުދުއްފުށީ އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް ތަރައްގީކުރަނީ

ކުޅުދުއްފުށި އެއާޕޯޓްގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ ޕެސެންޖާ ޓާމިނަލެއް އިމާރާތްކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް އިން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ ކުޅުދުއްފުށި އެއާޕޯޓް ރީޑިވެލޮޕް ކުރުމުގެ މާސްޓާ ޕްލޭނެއް އެކުލަވާލުމަށްފަހު ޓާމިނަލްގެ މަސައްކަތް ކުރުމަށް ހަވާލުކުރެވޭނެ ބަޔަކު ހޮވުމުގެ ބީލަމުގެ މަރުހަލާ ނިމި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މި ޓާމިނަލް ނިމޭއިރު ޓާމިނަލްއެއްގައި ފަސެންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ހުންނަންޖެހޭ އެންމެ ޒަމާނީ ހިދުމަތްތައް ފުރިހަމަވެފައި ހުންނާނެ ކަމަށްވެސް ރީޖަނަލް އެއާޕޯޓްސް އިން ބުނެ އެވެ.

މީގެ އިތުރުން ޓާމިނަލް ނިމޭއިރު އެއްފަހަރާ އެއް ވަގުތެއްގައި އޭޓީއާރް 72 މަރުކާގެ ދެ ފްލައިޓަށް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނި ގޮތުގައި ޓާމިނަލްގައި ވަކި ޑިޕާޗާ އަދި އެރައިވަލް ހޯލް ހެދިފައި ހުރުމުގެ އިތުރުން ކާގޯ ރައްކާކޮށް ބެހެއްޓޭނެ ވަސީލަތްތައް ފުރިހަމަވެފައި ހުންނާނެ އެވެ.

ޓާމިނަލް ނިމޭއިރު ފަސެންޖަރުން ފުރުވަން އަދި ބަލައިދާ މީހުންނަށް ފަސޭހަކަމާއެކު އިށީނދެލައިގެން ތިބެވޭނެ ވަސީލަތްތައް ފުރިހަމަވުމުގެ އިތުރުން ޓާމިނަލް ބޭރުގައި ކެފޭއެއްގެ ހިދުމަތްވެސް ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެ އެވެ.