އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ދުކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އަލުން ބަންދުކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ލަމްހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ.
ލަމްހާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމާ ގުޅިގެން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ލަމްހާ ދޫކޮށްލުމަށް ހާލަތު ބަދަލުވި ގޮތަކާއި ލަމްހާއަށް އަވަސް ޝަރީއަތެއް ލިބުމުގެ ހައްގު ގެއްލިފައިވާ ގޮތެއް ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލަން ނެރުނު އަމުރުން އެނގެން ނެތް ކަމަށެވެ. އަދި ލަމްހާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ނެތިގެން ދިޔަ ގޮތް ކޯޓުން ވަޒަން ކުރި ގޮތެއް އެނގިފައި ނުވާ ކަމަށާއި ލަމްހާ އަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ތާށިވެފައި ހުރި މީހެއް ކަމަށް ދަށު ކޯޓުން ކަނޑައެޅި ގޮތެއް ނޭނގޭ ކަމަށްވެސް ހައިކޯޓުގެ އަމުރުގައިވެ އެވެ.
އެހެންވެ ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ލަމްހާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ޝަރީއަތް ނިމެންދެން އޭނާ އަލުން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ލަމްހާގެ އިތުރުން އޭނާ އޭރު ރަށްޓެހިވެގެން އުޅުނު މޭރީގެ ފިރިމީހާ މާވިންގެ މައްޗަށެވެ.
މޭރީގެ މަރުގެ މައްސަލާގައި އުމުރުން 30 އަހަރުގެ މާވިން ހައްޔަރުކުރީ އޮކްޓޫބަރު 27، 2021 ގައެވެ. ލަމްހާ ހައްޔަރުކުރީ ނޮވެމްބަރު 16، 2021 ގައެވެ. ބަންދުކުރި ފަހުން ލަމްހާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރި ނަމަވެސް މާވިންގެ ބަންދަށް މިހާތަނަށް ކޯޓުން އެއްވެސް ލުޔެއް ދީފައެއް ނުވެ އެވެ.
މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރަށް ޖަލަށްލާނެ އެވެ. ނަމަވެސް ހުކުމް ކުރުމުގައި ގާޒީ ނިންމަވާ ގޮތްތަކެއްގެ ސަބަބުން ކުށުގެ އަދަބު ބޮޑުވުމަކީ އޮތް ފުރުސަތެކެވެ.
އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.