އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރިވެރިންނަށް ރަތް ކަނޑު ނޫން ގޮތެއް މިހާރު ވަނީ ހޯދަން މަޖުބޫރު ވެފަ އެވެ.
ޔޫރަޕް ހުރަސްކޮށް އޭޝިއާއަށް އަދި އޭޝިއާއިން ޔުރަޕަށް މުދާ އުފުލުން -- ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތާ ހެދި ވަނީ ބިރުވެރިކަމެއްގަ އެވެ.
ފަލަސްތީންގެ ޣައްޒާއަށް ޒަޔަނިސްޓް އަސްކަރިއްޔާއިން ދެމުން ގެންދާ ހަމަލާތަކަށް ރައްދު ދިނުމަށް ހޫސީ ޖަމާއަތުން ވަނީ އަސްކަރީ ފިޔަވަޅުތަކެއް އަޅާފަ އެވެ.
ހޫސީންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކުރަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށެވެ.
ހޫސީން ބުނާ ގޮތުން ރަތް ކަނޑަކީ ވިޔަފާރި އުޅަނދުތަކަށް ރައްކަތެރި މާހައުލެކެވެ. އެކަމަކު އެއިން އެއްވެސް އުޅަނދަކުން -- ފަލަސްތީންގެ ބިންތައް ފޭރިގަނެގެން ތިބި ޒަޔަނިސްޓް ޔަހޫދީންނަށް، މުދާ އުފުލައިގެން ނުވާނެ އެވެ.
ޔަހޫދީންނާ ގުޅުން ހުރި އެއްވެސް އުޅަނދަކަށް ރަތް ކަނޑު ހުރަސް ނުކުރެވޭނެ ކަމަށް ވެސް ހޫސީން ވަނީ ބުނެފަ އެވެ.
ރަތް ކަނޑު ހާލަތު މިހެން އޮތުމާ އެކު އެކްސްޕޯޓް ވިޔަފާރިވެރިންނަށް މިހާރު ވަނީ އެ ނޫން މަގެއް އިޚުތިޔާރު ކުރަން ޖެހިފަ އެވެ. އެކަމަކު ރަތް ކަނޑު ފިޔަވައި އިތުރު މަގެއް އިޚުތިޔާރުކޮށްފި ނަމަ ހޭދަކުރަން ޖެހޭ ފައިސާއާ ވަގުތު ވެސް އެތައް ގުނައަކަށް އިތުރުވެގެން ދެ އެވެ.
ޔޫރަޕާއި އެމެރިކާ -- މިސްރުގެ ސުއޭޒް ކެނަލް މެދުވެރިކޮށް އޭޝިއާއާ ގުޅުވައިދޭ އެންމެ ކުރު މަގަކީ ރަތް ކަނޑެވެ. ރަތް ކަނޑު ހުރަސްކޮށް ކުރާ ދަތުރުތަކުން ވިޔަފާރިވެރިންނަށް އެތައް މިލިއަން ޑޮލަރެއް ސަލާމަތްކުރެވެ އެވެ. މިއީ ދުނިޔޭގައި ތަކެތީގެ އަގު އެއް މީޒާނެއްގައި ދެމެހެއްޓުމަށް ބާރުއަޅައިދޭ މިންގަނޑެކެވެ.
ކާގޯ ބޯޓުތައް އެހެން މަގަކުން -- މިސާލަކަށް އެފްރިކާ ވަށާލާފައި ދަތުރުކުރަން ހަދައިފި ނަމަ އެކަމަށް ހޭދަވާ ފައިސާއާ ވަގުތަކީ ވެސް ވިޔަފާރި މުދާ އަގުމަގުކުރުމުގައި ހިމަނަން ޖެހޭ މިންގަނޑެކެވެ.
ހޫސީންގެ ހަމަލާތައް އެއްވާނެއްގައި އޮންނަން ވެއްޖެ ނަމަ މާ ގިނަ ދުވަސްތަކެއް ނުވެ ވިޔަފާރި މުދަލުގެ އަގު އުފުލި އާންމުންނަށް ބުރަ ބޮޑުވާނެ ކަމަށް މިހާރު ވެސް ވަނީ އަންދާޒާކުރެވިފަ އެވެ.
ހޫސީން މައިތިރިކުރުމަށް އެމެރިކާ އާއި ބައިވެރިން އަސްކަރީ އުޅަނދުތަކުގައި ނުކުތެެއް ކަމަކު ހޫސީން ބަލިކުރުމަކީ ދަތި އުނދަގޫ ކަމަށް ވާނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.
އަނެއްކޮޅުން ހޫސީންނަށް ދޭ ހަމަލާއެއް ޔަމަނަށް އަރައިފި ނަމަ ރަތް ކަނޑުގައި ދަތުރުކުރާ އަސްކަރީ އުޅަނދުތަކަށް ހަމަލާދޭނެ ކަަމަށް ވެސް ހޫސީން ވަނީ ބުނެފަ އެވެ.
އެމެރިކާއިން ހޫސީންނަށް ހަމަލާދޭ ނަމަ ޒަޔަނިސްޓުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ހޫސީ ހަނގުރާމަވެރިން ފަލަސްތީންގެ ޣައްޒާއަށް ފޮނުވާނެ ކަމަށް ވެސް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.