އާބަންކޯ

ހުޅުމާލެއިން ގޯތި ދެނީ އާބަންކޯއަށް ދެ ފަޅާއި ފައިސާ ދީފައި

ހުޅުމާލޭގައި އާބަންކޯގެ އިހްތިސާސްގައި އޮތް ބިމުން މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރަން ކުރީގެ ސަރުކާރުން ނިންމާފައިވަނީ މާލެ އަތޮޅުން ދެ ފަޅާއި ފައިސާގެ ކޮންމެވެސް އަދަދެއް އާބަންކޯއަށް ދޭ ގޮތަށް އެ ކުންފުނިން ބުނެފި އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ ފަޅުގެ އިތުރުން ފައިސާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައި އޮތީ 7.9 މިލިއަން ރުފިޔާ ކަމަށެވެ.

"[ފައިސާގެ އެ އަދަދު] ހޯދަން ސަރުކާރާއެކު ވާހަކަދައްކަމުން މިދަނީ،" ފަޒުލް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރެއިން 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާ ކަމަށް އޮތީ ކަނޑައަޅާފަ އެވެ. ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައި އޮތީވެސް ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށެވެ.

ރައީސް ސޯލިހް ވެރިކަމުން ފައިބައި ވަޑައިގަތީ ގުޅިފަޅުން 2،218 ގޯތި ހުޅުމާލެއިން 1،351 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކޮށްފަ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ގިރަވާރު، ގުޅިފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށި އެވެ. އަދި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނަށް ގޯތި ދިނުމަށްޓަކައި އުތުރު ތިލަފަޅުވެސް ހިއްކަން ނިންމި އެވެ.