ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)

ޕްރެޝަރާ ހެދި ފުރަތަމަ ނޫހަށް ވަދެވޭ ގޮތް ހަދައިދީފި

ރަޖިސްޓްރީ ކޮށްގެން ހިންގަމުން ދަނިކޮށް ބްލޮކްކޮށްލި ވެބްސައިޓެއް ކަމަށްވާ ފުރަތަމަ.ކޮމް އަލުން އަންބްލޮކް ކޮށްފި އެވެ.

ފުރަތަމަ ބްލޮކް ކުރި ކަމަކަށް ސަރުކާރުން އެއްބަހެއް ނުވެ އެވެ. ފުރަތަމަ ނޫހުން ވަނީ 24 ގަޑިއިރު ފަހުން އެ ނޫސް އަންބްލޮކް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްްމަދު ޝަހީބް ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ.

"ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން،" ފުރަތަމަ ބްލޮކް ކުރުމުން ސަރުކާރުގެ އެ އަމަލު ކުށްވެރިކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނަށް އިޝާރާތް ކުރައްވާ ޝަހީބް ވިދާޅުވި އެވެ.

ފުރަތަމަ ބްލޮކް ކޮށްލިކަން އެނގުނީ ރޭގެ ވަގުތެއްގައި ދިޔަވަރު.ކޮމް އަދި ކުރުސީ.ކޮމް ބްލޮކް ކޮށްލި ފަހުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ފުރަތަމަ ނޫހުގެ މަސްއޫލުވެރިޔާ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަހްމަދު އާތިފް އެ ނޫސް ރަޖިސްޓްރީ ކޮށްފައިވަނީ ނޮވެމްބަރު 25، 2019 ގައެވެ. އެ ނޫހުގެ އެޑިޓަރެއްގެ ގޮތުގައި އޮތީ ސަން އޮންލައިންގެ ނޫސްވެރިޔެއް ކަމަށްވާ އަހްމަދު އާޒިފް އެވެ.

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭ ތިން ކުންފުނިން އެއްވެސް ވެބްސައިޓެއް ބްލޮކް ކުރާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އެންގުމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޭމް ހިންގަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްގެ ދަށުންނެވެ. މިތަނުގެ ވަޒީރަކީ އާދަމް ޝަރީފް އުމަރު އެވެ.