ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނާނެ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒުއާ އެކު ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ސިޔާސަތު ކަނޑައަޅުއްވައިގެން އެކަމަށް ރައީސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ކައުންސިލްތަކަށް އެ ބާރުވެރިކަން ހޯއްދަވައިދެއްވުމަށް ގާނޫނީ ތަރަހައިގެ ތެރެއިން މިހާރު އެ އޮތީ ކޮންމެ ކައުންސިލަކަށް ވެސް ފަޅުރަށެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި. މިއީ ނޫންތޯ ހަގީގީ ބާރުވެރިކަން ކައުންސިލްތަކަށް ހޯދައިދިނުމަށް މަސައްކަތް ކުރަންވީ ގޮތަކީ،" އާދަމް ޝާރީފް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ހިފެހެއްޓުމަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ވެރިޔެއް ކަމަށެވެ. ރައީސް ކުރައްވާ ތަފާތު ދަތުރުތަކުގައި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކުންވެސް އެކަން އެނގިގެންދާ ކަމުގައިވެސް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ މީގެކުރިން ވެރިން ރައްޔިތުންނަށް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވި ކަންކަން ފަހުން ހަނދާން ނެތިގެން ދިޔަ ނަމަވެސް ރައީސް ޑރ. މުއިއްޒު އަމަލުކުރައްވަނީ ތަފާތު ގޮތަކަށް ކަމަށެވެ.
"އެމަނިކުފާނު އެވަނީ ވައުދުފުޅުތައް ރައްޔިތުންނަށް ފަސޭހައިން ބަލައިލެވޭ ގޮތް ހަދައިދީފައި. މިއީ ވައުދު ފުއްދާނެ ކަމުގެ ހެއްކެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އިގްތިސާދީ ހާލަތު ކިތަންމެ ގޯސްކޮށް އޮތް ނަމަވެސް ދިވެހި އިގްތިސާދު ރައީސް މުއިއްޒުގެ ޒައާމަތުގައި ނަގާ ކޮޅަށް ޖަހާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުދޭތީ ގައުމަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ ދިނުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.