އެޗްޕީއޭ

ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިންވެސް ފެނިއްޖެ

ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިންވެސް ފެނިއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ އިން ފައިލޭރިއާ އަށް ޕޮޒިޓިވް ބިދޭސީ އަކު ފެނުނީ ކުރިއަށް ގެންދިޔަ ސްކްރީން ޕްރޮގްރާމެއްގެ ތެރެއިން ކަމަށެވެ.

އިންޑިއާއަށް ނިސްބަތްވާ މި މީހާއަށް ބޭނުންވާ ބޭސްދީ ފަރުވާ ދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް އެންމެ ފުރަތަމަ ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ކުޅުދުއްފުށީގައި ބިދޭސީންނަށް ހިންގުނު ހެލްތު ސްކްރީނިންގް ކޭމްޕުންނެވެ. ފައިލޭރިއާ ހުރިތޯ ބެލުމަށް ބައެއް ދިވެހިން ވެސް ސްކްރީން ކުރަމުން އެބަގެންދެ އެވެ.

ހުޅުމާލެ އިން އިއްޔެ ފެނުނު ފައިލޭރިއާ ކޭސްއާ އެކު ރާއްޖޭގައި މި ބަލި ޖެހިފައިވާ 26 މީހަކު މިހާރު އެބަތިއްބެވެ.

ހެލްތު މިނިސްޓްރީން ބުނީ ފައިލޭރިއާ ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ރާއްޖޭގައި އެބަހުރި ކަމަށެވެ. ނަމަވެސް ފައިލޭރިއާ އަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާތީ ބޭހުގެ އިތުރު ސްޓޮކް ބޭނުންވާ ކަމަށެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ރާއްޖެއިން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައި މިވަނީ 2020 ވަނަ އަހަރު ބިދޭސީން މެޑިކަލް ޗެކަޕް ނުހަދައި ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާ ގުޅިގެންނެވެ.

އެޗްޕީއޭ އިން ބުނީ ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުންކަން ފާހަގަކުރެވިފައިވާ ކަމަށާއި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަވާ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

ފައިލޭރިއާ އަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ އަދި ގައިންގަޔަށް އަރާ ބައްޔެކެވެ. ފައިލޭރިއާގެ އަލާމާތްތަކަކީ ބައެއް ހަންގަނޑު ބޯވާން ފެށުމާއި ފައި ދުޅަވުމެވެ.