ދުނިޔެ

ހޫސީން: އެމެރިކާއަށާއި ޒަޔަނިސްޓުންނަށް މެދުއިރުމަތިން މުޅިން އާ ދުޝްމަނެއް

ދުނިޔޭގައި ހަންފަތުރަން އެމެރިކާ ކުރާ މަސައްކަތްތަކުގައި، ކަށިނަރުގައި އަޅައިގަންނަލެއް މަދެއް ނޫނެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ޣައްޒާ ހަނގުރާމާގައި ވެސް އެމެރިކާ އެ އުޅެނީ މިކަހަލަ ކަމެއް ލައިގަނެގެންނެވެ.

ފަލަސްތީންގެ ޣައްޒާއަށް ޒަޔަނިސްޓުން ދެމުން ގެންދާ ހަމަލާތަކަށް ރައްދުދިނުމަށް -- ޔަމަނުގައި ހަރަކާތްތެރިވާ ބާޣީ ޖަމާއަތެއް ކަމަށްވާ ހޫސީން ދަނީ އެއްގަމާއި ކަނޑުގައި ހަރަކާތްތެރި ވަމުންނެވެ.

ޒަޔަނިސްޓުންގެ ކިބައިން ބަދަލުހިފުމަށް ހޫސީން ކުރާ އެންމެ ނުރައްކާތެރި ކަމަކީ ރަތް ކަނޑުން ދަތުރުކުރާ -- ޔަހޫދީންނާ ގުޅުން ހުރި މުދާއުފުލާ ބޯޓުތަކަށް ހަމަލާދިނުމެވެ.

ޔޫރަޕާއި އެމެރިކާއިން މުދާ ހިފައިގެން އޭޝިއާއަށް ދަތުރުކުރާ ކޮންޓޭނަރު ބޯޓުތަކަށް އޮތް އެންމެ ކުރު މަގަކީ، މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ރަތް ކަނޑުން ދަތުރުކުރުމެވެ.

ނަމަވެސް، ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންނަށް އެނގުމެއް ނެތި ރަތް ކަނޑު ހުރަސްކޮށް އެއްވެސް އުޅަނދަކަށް ދަތުރުކުރުމަކީ ކުޅަދާނަ ކަމަކަށް ނުވެ އެވެ.

ހޫސީންގެ ޑްރޯންތަކާއި ރޮކެޓްތައް ކޮންޓޭނަރު ބޯޓުތަކަށް އަމާޒުކޮށްފައި ހުންނައިރު އެއިން ކޮންޓޭނަރެއްގައި ޒަޔަނިސްޓެއްގެ ނަން އޮތަސް، އެ އެއްޗަކީ ހޫސީންގެ ބާރުގެ ދަށަން ގެންދަން ޝަރުތުހަމަވާ އެއްޗަކަށް ވެއެވެ.

ރަތް ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އެމެރިކާ އިސްވެ އިތުރު 20 ގައުމަކާއެކު މިހާރު ވަނީ އަސްކަރީ ބާރެއް އެކުލަވާލާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހޫސީން ކިބައިން ސަލާމަތްވުމަކީ އެމެރިކާއަށް ވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ.

އެމެރިކާއާ ބައިވެރިން ރަތް ކަނޑުގައި ހޭދަކުރި މަދު ދުވަސްތަކުގައި ކުރި ތަޖުރިބާއަށް ފަހު ޔަމަނުގައި ހޫސީން އުޅޭ ސަރަހައްދުތަކަށް ހަމަލަދޭނެ ކަމަށް ވަނީ ބުނެ އިންޒާރުދީފަ އެވެ.

އެމެރިކާގެ މި އިންޒާރާ އެކު ހޫސީން ވެސް އެމެރިކާއަށް އިންޒާރުދީފަ އެވެ.

ޔަމަނަށް ހަމަލާދީފި ނަމަ ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ހަމަލާދޭނެ ކަމަށް ހޫސީން ވަނީ ބުނެފަ އެވެ.

ހޫސީންނަކީ އީރާނުން ހިންގާ ބާޣީ ގުރޫޕެކެވެ. ހޫސީންގެ ހަނގުރާމަވެރިން ތަމްރީންކުރަނީ ލުބްނާންގައި ތިބި ހިޒްބުﷲ ޖަމާއަތުންނެވެ. މިއީ ވެސް އީރާނުން މަދަދުވެރިވާ ޖަމާއަތެކެވެ.

ހޫސީންނަކީ ބާޣީ ޖަމާއަތެވެ. ރަސްމީ ސިފައެއްގައި ގައުމަކަށް ނިސްބަތް ނުވި ނަމަވެސް، ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން އެ ޖަމާއަތުގައި ތިބެ އެވެ. ހަތިޔާރުގެ ގޮތުން އެންމެ ޒަމާނީ ރޮކެޓާއީ ގައިޑެޑް މިސައިލް ވެސް ގެންގުޅެ އެވެ.

މެދުއިރުމަތިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމެރިކާއިން ހޫސީންގެ ގައިގައި އަޅައިގެންފި ނަމަ ތަންގަނޑެއް ވީދައި ނުލައި ސަލާމަތްވުން ނާދިރު ކަމަކަށް ވާނެ އެވެ. ހޫސީންނަށް ބޮޑު ގެއްލުމެއް ދީފި ނަމަ އެއާ އެެއްވަރުގެ ގެއްލުންތަކެއް އެމެރިކާއަށް ނުވަތަ ޒަޔަނިސްޓުންނަށް ދޭނެ އެވެ.

އެމެރިކާއިން ޔަމަނަށް ހަމަލާދީފި ނަމަ ޒަޔަނިސްޓުންނާ ދެކޮޅަށް ޣައްޒާއަށް ހަނގުރާމަވެރިން ފޮނުވާނެ ކަމަށް ވެސް ހޫސީން ވަނީ ބުނެފަ އެވެ.