ދުނިޔެ

ސާބިއާގެ އިދިކޮޅު ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ހަމަލާ ދީފި

ސާބިއާގެ ވެރިރަށުގައި އިދިކޮޅު ސަޕޯޓަރުން މަގުތަކަށް އެއްވެ ސަރުކާރަށް ޕްރެޝަރުކުރަނީ
0%
0%
0%

ސާބިއާގައި މިދިޔަ ހަފްތާގައި އޮތް އިންތިހާބެއްގައި ސަރުކާރަށް ތާއީދުކުރާ އިދާރާތަކުން ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެ، ބެލްގްރޭޑް ސިޓީ އެސެމްބްލީ -- ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް އިދިކޮޅު ސަޕޯޓަރުން ވަދެގަނެ ތަކެއްޗަށް ގެއްލުން ދީފި އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށް ގޮވައި އިދިކޮޅު ކޯލިޝަނުން ވަނީ އާންމުން އެއްވެ އުޅޭ ތަންތަނުގައި ހަމަނުޖެހުން ހިންގާފަ އެވެ.

ސަރުކާރާ ދެކޮޅު ސަޕޯޓަރުން މަގުތަކުގައި އަމަން ނަގާލައި ފުލުހުންނަށް ހަމަލާދީ އަދި ބެރިކޭޑްތައް ނަގައި ވަނީ އުކާފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިންފާރަށް ގެއްލުންދީ އަދި ބައެއް ސަޕޯޓަރުން ފާރުމަތިން އަރައި އިމާރާތުގެ ބިއްލޫރިތައް ތަޅައި ދޮރުތައް ވަނީ ހަލާކުކޮށްފަ އެވެ. ނަމަވެސް އިމާރާތަށް ވަނުމުގެ ކުރިން ފުލުހުން ވަނީ ކަރުނަގޭސް ޖަހައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނާ ގޮތުން ސީސީޓީވީ ފުޓޭޖަށް ބަލައި ހަމަނުޖެހުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަށް ދައުވާކުރާނެ އެވެ. އަދި އިމާރާތަށް ގެއްލުން ދިން މީހުންނާ މެދު ގޮތެއް ނިންމަންދެން ޖަލުގައި ހައްޔަރުކުރާނެ އެވެ.

ފުލުހުންގެ ބަހުގައި އިތުބާރެއް އޮތްނަމަ އެންމެ ފުރަތަމަ ހައްޔަރަށް ގެންދާނީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނެވެ. އެހެނީ އިމާރާތަށް ގެއްލުންދިން ކަމަށް އެ މީހުން ވަނީ ލައިވް ކެމެރާތަކުގައި އެއްބަސްވެފަ އެވެ. އަދި އިމާރާތުގެ ދޮރު ހަލާކުކޮށްލީ ތިމަންނަ ކަމަށް ބުނި ވީޑިއޯތައްވެސް މިހާރު އިންޓަނެޓުގައި އެބަ ފެތުރެ އެވެ.

ސާބިއާގެ ވެރިރަށުގައި ހިނގައި ދިޔަ މި ހާދިސާއާ ބެހޭ ގޮތުން އެ ގައުމުގެ ރައީސް އެލެގްޒެންދަރު ވޫޗިޗް ބަސްވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތަކެއްޗަށާއި ފަރުދުންނަށް ގެއްލުން ދިން މީހުން ދޫކޮށްލުމަކީ ވެސް އިންސާފެއް ނޫން ކަމަށެވެ.

ހަމަނުޖެހުން ހިންގި މީހުންނަށް ވަކި އަދަބެއް ދިނުމަށް ސަރުކާރުން އަމުރު ނުކުރައްވާނެ ކަމަށްވެސް ވޫޗިޗް ވިދާޅުވި އެވެ.

ގާނޫނުގައި ލިޔެފައި އޮތް ގޮތަށް އެ މީހުންނާ މެދު އަމަލުކުރާނީ ޝަރުއީ އަދި ތަންފީޒީ ބާރުތަކުން ކަމަަށްވެސް ވޫޗިޗް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345