ދުނިޔެ

ސާބިއާއަށް ދަތިކުރަން މިތިބީ ތައްޔާރަށް: އީޔޫ

އުތުރު ކޮސޯވޯގެ މަސްލަހަތު ގެއްލުވާލުމަކީ ސާބިއާގެ ގަސްދުގައި އޮތް ކަމެއްކަން ސާބިތުވެއްޖެނަމަ -- ސާބިއާއާ ދެކޮޅަށް އިގުތިސާދީ ގޮތުން ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފި އެވެ.

ސާބިއާގެ ކިބައިން މިހާރު ފެންނަނީ މިނިވަން ދައުލަތެއްގެ މައްޗަށް އަސްކަރީ ބާރުވެރިން އިސްކުރުމުގެ ސިފަތައް ކަމަށްވެސް ޔޫރަޕިއަން ޔޫނިއަނުން ވަނީ ބުނެފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ތަރުޖަމާން ޕީތަރު ސްޓާނޯ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 24 ވަނަ ދުވަހު އުތުރު ކޮސޯވޯއަށް ސާބިއާގެ ހަތިޔާރުއެޅު ގުރޫޕަކުން ވަދެގަނެ ހިންގި ހަރާތްތަކުން ނުބައި މާނައެއް ދޭހަވެދާނެ އެވެ.

މި ހަމަލާތަކާ ގުޅިގެން ސާބިއާ އާއި ކޮސޯވޯ ގުޅޭ ބޯޑަރަށް ސިފައިން ޖަމާކުރުމަކީ ވެސް މާނައެއް އޮތް ކަމެއް ކަމަށް ޔޫރަޕިއަން ކޮމިޝަނަށް ދޭހަ ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސާބިއާގެ މި އަމަލުތަކުން ދޭހަވަނީ، ކޮސޯވޯއަށް ވަދެގަނެ ބާރު ހިންގުމަކީ ސާބިއާގެ ޝައުގުވެރިކަމާ ގުޅިފައި އޮތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން ސާބިއާގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ސާބިއާއާ ދެކޮޅަށް ހުރި ހެކިތައް ސާބިތުކުރެވިއްޖެނަމަ -- ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޔޫރަޕިއަން ކޮމިޝަނުން ނިންމާނެ އެވެ.

ސާބިއާގެ ހަރަކާތްތައް ބަލައި ފާސްކުރުމަށް ޔޫރަޕިއަން ކޮމިޝަނަށް އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި އީޔޫއިން ދެކޭނީ ސާބިއާގެ އަމަލުތައް ގާނޫނާ ފުށުއަރާ ކަމަށް ކަމަށްވެސް ވިދާޅުވި އެވެ.

ސާބިއާގެ ކިބައިން ކޮސޯވޯ މިނިވަންވީ 2008 ގައެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނު އަދި ތުރުކީ ގަބޫލުކުރާ ގޮތުގައިި ކޮސޯވޯ އަކީ އިންތިހާބީ ވަކި ވެރިކަމެއް އޮންނަ މިނިވަން ދައުލަތެކެވެ. ނަމަވެސް، ސާބިއާ އަދިވެސް ގަބޫލުކުރަނީ ކޮސޯވޯ އަކީ ސާބިއާގެ ބައެއް ގޮތުގަ އެވެ.

ސާބިއާގެ ކިބައިން ކޮސޯވޯ ވަކިވެގެން ދިޔަ ނަމަވެސް، ކޮސޯވޯގެ އަވަށްތަކުގައި ސާބިއާ ދަރިކޮޅުގެ މީހުން ވަރަށް ގިނައިން ދިރިއުޅެ އެވެ.