ސާބިއާގެ ރައީސް އެލެގްޒެންދަރު ވޫޗިޗް ވިދާޅުވި ގޮތުގައި އަސްކަރިއްޔާއެއްގެ މުހިއްމުކަން ދައުލަތަކަށް ވަރަށް ބޮޑެވެ. އޭނާ އަދި ވިދާޅުވީ ގައުމުގެ ދިފާއުގައި ވިސްނައި، ރާވައި އަދި ހަރަކާތްތެރިވާނެ ބަޔަކު ނެތް ނަމަ ދުޝްމަނުން އަރައިގަނެ ނޮޅައި ކައިފާނެ އެވެ.
ވޫޗިޗް ވިދާޅުވީ ސާބިއާ އަކީ ފައިސާ ހުރި މުއްސަނދި ގައުމެއް ކަމަށެވެ. ގައުމުގައި ނެތީ އެކަށީގެންވާ ގޮތުގައި ގައުމަށް ހިދުމަތްކުރާނެ -- ގައުމު ދިފާއުކުރާނެ ހަރުދަނާ މީހުން ކަމަށްވެސް ވިދާޅުވި އެވެ.
ވޫޗިޗް ވިދާޅުވި ގޮތުގައި ސާބިއާ އަކީ ހަތިޔާރު އުފައްދާ ގައުމެކެވެ. ސާބިއާއަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ހަނގުރާމަމަތީ ޓޭންކްތަކާއި އަތުބޮން އަދި ބަޑި އުފައްދާ ކަމަށްވެސް ވިދާޅުވި އެވެ.
ސާބިއާގައި ކޮންމެ ރައްޔިތަކުވެސް އަސްކަރިއްޔާއަށް ހިދުމަތްކުރަން ޖެހޭ އުސޫލެއް ކުރިން އޮތެވެ. ނަމަވެސް އެ އުސޫލުތައް ވަކި ގާނޫނަކުން ބާތިލް ކުރީ 2011 ގައެވެ. އެއަށް ފަހު މިއަދާ ހަމަަށްވެސް ވޫޗިޗް ވިދާޅުވި ގޮތުގައި އަސްކަރިއްޔާ އަންނަނީ އަނަރޫފަވަމުންނެވެ.
އަސްކަރިއްޔާއަށް ރައްޔިތުން ހިދުމްތަކުރަން ޖެހޭ ގާނޫނެއް ވުޖޫދުކުރެއްވުމަކީ މިހާރު ގެންގުޅުއްވާ ވިސްނުމެއް ކަމަށް ވޫޗިޗް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ނޫން ގޮތެއްގައި މުޅި ސާބިއާ ހިމާޔަތްކުރުން ފޭލިވެދާނެ ކަމަށެވެ.
ވޫޗިޗް ވިދާޅުވީ އަސްކަރިއްޔާއަށް މީހުން ނެރުމުގެ ކުރިން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރައްވާނެ ކަމަށެވެ. އަސްކަރިއްޔާއަށް އާންމުންގެ ތެރެއިން ބަޔަކު ނެރެ ތަމްރީން ކުރުމަކީ ވަގުތާއި ފައިސާ ބޭނުންވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ދައުލަތަށް އޮތް ކަންބޮޑުވުމަކީ ފައިސާ ނޫން ކަމަށާއި އަސްކަރިއްޔާއަށް ހިދުމަތްކުރުމާ މެދު އާންމުން ދެކޭ ގޮތް ވަރަށް މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވޫޗިޗް ވިދާޅުވީ ސާބިއާ އަކީ ކޮންމެ އަގެއްގައި ނަމަވެސް ހިމާޔަތްކޮށް ރައްކާތެރިކުރަން ޖެހޭ ފަސްގަނޑެއް ކަމަށެވެ. އާންމުން ހޭލުންތެރި ކުރުމަށް ވިސްނައިދޭނެ ގޮތެއްވެސް ދައުލަތަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.
ސާބިއާ އަކީ އެމެރިކާއާއި ޔޫރަޕްގެ ނުރުހުން އޮތް ގައުމެކެވެ. ނޭޓޯ ގައުމަކަށް ވުމަށް ޝަރުތު ހަމަވި ނަމަވެސް ސާބިއާއާ މެދު އެމެރިކާ ދެެކެނީ ތަފާތު ނަޒަރަކުންނެވެ. އެއީ ފަހަރެއްގައި ސާބިއާއާއި ރަޝިއާއާ ދެމެދު އޮތް ހަރުދަނާ ގުޅުމުގެ ސަބަބުން ކަމަށްވެސް ވެދާނެ އެވެ. ރަޝިއާ ކޮޅަށް ބުރަވެ، ރަޝިއާގެ ކިބައިން ހިތްވަރު ހޯދަން އިޚުތިޔާރު ކުރީ ސާބިއާގެ ސަރުކާރުންނެވެ.