ދުނިޔެ

ނޭޓޯގައި ބައިވެރިވާކަށް ސާބިއާ ބޭނުމެއް ނުވޭ: ވޫޗިޗު

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރަކަށް ވުމަށް ސާބިއާ ހުށަހަޅާފައި އޮތް ނަމަވެސް ނޭޓޯގައި ބައިވެރިވުމަކީ ސާބިއާ ކުރާހިތްވާ ކަމެއް ނޫން ކަމަށް އެ ގައުމުގެ ރައީސް އެލެގްޒެންދަރު ވޫޗިޗު ވިދާޅުވެއްޖެ އެވެ. ނޭޓޯގައި ބައިވެރިވުމަށް އެއްވެސް ޝައުގެއް ނެތް ކަމަށްވެސް ވޫޗިޗު ވިދާޅުވި އެވެ.

އީޔޫގެ މެމްބަރަކަށް ވުމާއި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)ގެ މެމްބަރަކަށް ވުމާ ދެމެދު ފަރަގު ބޮޑު ކަމަށް ވޫޗިޗް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ނޭޓޯގައި ބައިވެރިވެ ދުނިޔޭގެ ހަމަހަމަކަން ނަގާލުމަކުން ސާބިއާއަށް އޮތް ފައިދާއެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސާބިއާގެ ވިސްނުމަކީ އަސްކަރީ ގޮތުން އަދި ބައިނަލްއަގްވާމީ އެހެނިހެން އުސޫލުތަކުގައި ތިލަފަތް ހަމަހަމަ ސިޔާސަތެއް ދެމެހެއްޓުން ކަމަށް ވޫޗިޗު ވިދާޅުވި އެވެ.

ވޫޗިޗު މި މޭރުމުން ވާހަކަދެއްކެވީ ފްރާންސާއި ޖަރުމަނުން ހުށަހަޅާފައި އޮތް "ފްރާންކޯ-ޖާމަން" ޕްރޮޕޯސަލްއާ ބެހޭ ގޮތުން ސާބިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ފްރާންކޯ-ޖާމަން ޕްރޮޕޯސަލްގައި މައިގަނޑު ގޮތެއްގައި ސާބިއާއަށް ގޮވާލާފައި އޮތީ ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމަށެވެ. އަދި އެއީ ސާބިއާގެ ބައެއްގެ ގޮތުގައި ގަބޫލުކުރާ ގަބޫލުކުރުން ދޫކޮށްލައި އދ. ފަދަ ބައިނަލްއަގްވާމީ ޖަމާއަތްތަކުގައި ކޮސޮވޯ ބައިވެރިވުމަށް ދެކޮޅު ނުހެދުމަށެވެ.

ހުޅަނގުން ބުނާހާ ގޮތެއް ގަބޫލުކޮށް ކޮސޮވޯއަށް މިނިވަން ދައުލަތެއްގެ ލަގަބުދޭން ސާބިއާ ރުހިއްޖެނަމަ -- ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމަށް ސާބިއާ އެދޭ އެދުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް އީޔޫ ގައުމުތަކުން ވަނީ ބުނެފަ އެވެ.

މިކަމާ ބެހޭ ގޮތުން ވޫޗިޗު ވިދާޅުވީ ސާބިއާ އޮތީ ހުޅަނގުގެ އެދުމަށް ދީލާލާ ގޮތަށް ނޫން ކަމަށެވެ. އަދި އދ. ގައި ބައިވެރިވުމަށް ކޮސޮވޯ ކުރާ ހުރިހާ މަސައްކަތަކަށް ހުރަސް އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ވޫޗިޗް ވިދާޅުވި ގޮތުގައި ސާބިއާއަށް އެކަން ކުރެވޭނެ އެވެ.

ހުޅަނގުގެ އެހީތެރިކަމާ އެކު ކޮސޮވޯ މިނިވަންކަން އިއުލާންކުރާ 2008 ގައެވެ. އެހެންނަމަވެސް ބެލްގްރޭޑް ދެކޭ ގޮތުގައި ކޮސޮވޯ އަކީ ސާބިއާގެ ބައެކެވެ. (ބެލްގްރޭޑް އަކީ ސާބިއާގެ ވެރިރަށެވެ.)