ބައެއް ދާއިރާތަކުގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން މިގޮތަށް ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ސަރުކާރުން ނިންމާފައިވަނީ ދުވަސްތަކަކަށް ބަހާލައިގެން ވަކި ތާވަލެއްގެ ތެރެއިން ވަޒީފާތައް ދިވެހިންނަށް ހާއްސަކުރުމަށެވެ.
ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ނިންމުންތަކުގެ މައުލޫމާތު މިއަދު ނޫސްވެރިންނާ ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް މިކަމާ ގުޅޭ ތަފްސީލް މައުލޫމާތުތައް ކަމާ ގުޅޭ އިދާރާތަކުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
ދިވެހިންނަށް ހާއްސަކުރަން ހަމަޖެހިފައިވާ ވަޒީފާތައް
- ޕައިލެޓުން
- ޓުއާ ގައިޑް
- ނަރުހުން
- ޓީޗަރުން
- ހެއާޑްރެސާ
- ބޭބީސިޓާ
- ސައިޓް ސުޕަވައިޒަރުން
- ޕާސަނަލް ޓްރެއިނާ
- ފޮޓޯގްރާފަރުން
- ބިއުޓީޝަން
- އިންސްޕެކްޓަރުން
- ގެސްޓް ރިލޭޝަންސް އޮފިސަރު
- ފްރަންޓު އޮފީސް މެނޭޖަރު
- ޑައިވަރުން
- އެކައުންޓަންޓުން
- އިލެކްޓްރިކަލް އިންޖިނިއަރުން
- ހައުސްކީޕިން މެނޭޖަރު
- ހިއުމަން ރިސޯސަސް މެނޭޖަރު
- އިމާމުން
- ސާވެޔަރުން
ދިވެހިން ޝައުގުވެރިވާ ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޕީޕީއެމް ޕީއެންސީގެ ފުރަތަމަ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ނިންމި އެވެ.
ދިވެހިންނަށް އަދާކުރެވޭނެ ކަހަލަ ވަޒީފާތަކުގައި ވަރަށް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވެ އެވެ.