އުރީދޫ މޯލްޑިވްސް އާއި ސްޓެބިސިސް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "އުރީދޫ ޑްރޯން ރޭސް 2023" ނިންމާލައިފި އެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ޑްރޯން ދުއްވާ 12 ޕައިލެޓުންގެ މެދުގައި މި މުބާރާތް ކުރިއަށް ގެންދިޔައީ މިމަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
ސްކައި ވޯކާ ކެޓެގަރީންނާއި ސްކައި އެލީޓް ކެޓެގަރީގައި ވާދަކޮށް ޕައިލެޓުންގެ މޮޅު ހުނަރުތަކެއް ދައްކައިދީފައިވެ އެވެ. ސްކައި ވޯކާ ކެޓަގަރީގައި ހަތަރު ހުރަހަކުން 8 ޕައިލެޓުން ޑްރޯން ދުއްވިއިރު ސްކައި އެލީޓް ކެޓަގަރީން ހަތަރު ޕައިލެޓުން ނުވަ ހުރަހަކުން ދަތުރުކޮށް އެންމެ ހަލުވި ވަގުތުގެ ތެރޭގައި ދެ ލެޕް ނިންމުމަށް ވާދަކޮށްފައިވެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއަހަރުގެ ޑްރޯން ރޭހުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އައު ކަންތައްތަކަކާއެކު ރާއްޖޭގައި ޑްރޯން ރޭސިންގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މި ޑްރޯން ރޭސްގައި ވާދަކޮށް ވަނަތައް ހޯދި ހުނަރުވެރި ޕައިލެޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން،" ނިޔާޒު ވިދާޅުވި އެވެ.
ސްކައި އެލީޓް ކެޓަގަރީން ވާދަކުރި މީހުންގެ ތެރެއިން 1:00:55ގެ ތެރޭގައި ރޭސް ނިންމާ އެއްވަނައަށް ދިޔަ ފަރާތަށް ލިބޭ ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) ކާމިޔާބު ކޮށްފައިވަނީ މުހައްމަދު އާލިން ޝާފިއު އެވެ.
ދެވަނައަށް ދިޔަ ހަމްޒާ ވަސީމް 1:06:11 އިން ރޭސް ނިންމިއިރު ތިންވަނައަށް ދިޔަ ހުސައިން އަލޫފް ރިޔާޒު ރޭސް ކާމިޔާބުކޮށްފައިވަނީ 1:08:10 މިނެޓުންނެވެ. ހަމްޒާއަށް ތިންމަސް ދުވަހުގެ (1536 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސް އެއް ދީފައިވާއިރު އަލޫފްއަށް ދިނީ 2،000 ރުފިޔާގެ މޫލީ ވައުޗަރެކެވެ.
ސްކައި ވޯކާ ކެޓަގަރީގެ އެއްވަނަ އިބްރާހިމް ޝަބީލް ހޯދީ 01:11:78 އިން ރޭސް ނިންމައިގެންނެވެ. ދެވަނަ އަށް ދިޔަ އައްޝަމް ޝަރީފް 01:25:94 ތެރޭގައި ރޭސް ނިންމާފައިވެ އެވެ. ޝަބީލް އަށް ޑީޖޭއައި މިނީ 2 އެސްއީ އެއް ދީފައިވާއިރު ދެވަނަ ހޯދި އައްޝަމްއަށް ތިންމަސް ދުވަހުގެ (750 ޖީބީ) ޕެކޭޖާއި އެކު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސްއެއް ދީފައިވެ އެވެ. މީގެ އިތުރުން 01:27:36 ރޭސް ނިންމާ ތިންވަނަ ހޯދި މިފްޒާލް އިބްރާހިމް ފަޒީލަށް 1،000 ރުފިޔާގެ މޫލީ ވައުޗަރެއް ދީފައިވެ އެވެ.
ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވީ ރާއްޖޭގެ ރަސްމީ ޑީޖޭއައި އޮތޮރައިޒްޑް ސެލާގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް ކާމިޔާބުކަމާއެކު ނިންމާލުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"މި އިވެންޓުގެ ކާމިޔާބީގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ އިވެންޓުތަކާއެކު ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އެފްޕީވީ ރޭސިން އިތުރުވެ ފުޅާވެގެންދިއުން،" ނިހާދު ވިދާޅުވި އެވެ.
އުރީދޫ ޑްރޯން ރޭސްގެ ރޭސް ޑިރެކްޓަރު އަލީ ނައީމް ވިދާޅުވީ މިއަދަކީ އާރްސީއަށް ޝައުގުވެރިވާ ފަރާތްތަކުގެ އުފާވެރި ދުވަހެއް ކަމަށެވެ. ތަޖުރިބާކާރު އާރްސީ ހޮބީސްޓެއްގެ ހައިސިއްޔަތުން ގަބޫލުކުރަނީ މި ހަރަކާތުގެ ސަބަބުން ރޭސިން މުބާރާތްތައް އިތުރުވެ، ރާއްޖޭގައި އާރްސީ އިވެންޓްތަކުގެ ފުރުސަތު ފުޅާވެގެން ދިއުން ކަމަށްވެސް ވިދާޅުވި އެވެ. ޑްރޯން ރޭސިންގެ އިތުރުން މި ހަރަކާތުގެ ސަބަބުން ތަފާތު މޮޑެލް އެއާކްރާފްޓް ހަރަކާތްތަކަށް ދޮރުހުޅުވި އިންކްލޫސިވް އަދި އެންޓަޓައިނިން އާރްސީ އިވެންޓްތަކަށް މަގު ފަހިވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މި އިވެންޓްގެ ކާމިޔާބާއި އުރީދޫ ފަދަ ކުންފުނިތަކުން މިފަދަ ކަންކަން ފަހިކޮށްދިނުމަށް ކުރާ މަސައްކަތުން އާރްސީ ދާއިރާ އިން ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ." އަލީ ނައީމު ވިދާޅުވި އެވެ.
އުރީދޫ ޑްރޯން ރޭސް 2023ގެ ކާމިޔާބީއާއި އެކު އުރީދޫ މޯލްޑިވްސް އާއި ސްޓެބިސިސް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޑްރޯން ރޭސިން ކުރިއެރުވުމަށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފައިވެ އެވެ.