އުރީދޫ

އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރު ރަސްމީކޮށް އިފްތިތާހުކޮށްފި

އުރީދޫ މޯލްޑިވްސްގެ ޒަމާނީ ހެޑްކުއާޓަރު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ހެޑްކުއާޓާ ރަސްމީކޮށް ހުޅުވައިދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމާއި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަޚްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 11 ބުރީގެ މި އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ އިތުރުން ކްލަބް ޕްރިމިއާ ލައުންޖެއް ހުންނައިރު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެކަން އުރީދޫން ވަނީ ބުނެފަ އެވެ.

އުރީދޫގެ މި އިމާރާތް އިފްތިތާހު ކުރުމުގެ ގޮތުން މުޅި އިމާރާތް އަލިފާނުގެ ފަރުދާއަކާއި ހިތްގައިމު ހަވާ އެރުވުމުގެ ކުލަތަކުން މުޅި އިމާރާތް އަލިކޮށްލި އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ދެއްކެވި ވާހަކަފުޅުގައި އުރީދޫ މޯލްޑިވްސްއަކީ ވޭތުވެދިޔަ 18 އަހަރުން ފެށިގެން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަނބެއްކަން ފާހަގަކުރެއްވި އެވެ.

"އުރީދޫ ގެ ޓީމުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ ހިދުމަތެއް. އެގޮތުން ރާއްޖޭގައި ފުރަތަމަ 4ޖީ ނެޓްވޯކް ތައާރަފު ކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ ގުނަ ހިދުމަތްތައް ހިމެނޭ،" ފައިސަލް ނަސީމު ވިދާޅުވި އެވެ.

މީގެ އިތުރުން ހެޔޮ އަގުގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ހިދުމަތްތަކުން ދިވެހިން ގުޅާލަދީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށާއި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން މަސައްކަތްކުރާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އަޒީޒް އަލް އުސްމާން ފަޚްރޫ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެކެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި އިމާރާތަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނޭ އިމާރާތެއް ކަމަށް އުރީދޫން ބުނެ އެވެ.

އެގޮތުން މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވިފައިވާ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެ އެވެ.

އުރީދޫން ބުނި ގޮތުގައި މި އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި ގިނަ ސިފަތަކެއް ހިމެނެ އެވެ. އެގޮތުން އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކޮށްފައިވަނީ ލެމިނޭޓެޑް ޓެމްޕާޑް ބިއްލޫރި އެވެ. މި އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ހަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔާ ރޭޓެޑް ދޮރުތަކާއި ފަޔާ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔާ ސޭފްޓީ ސިސްޓަމް ގާއިމުކޮށްފައިވާކަމަށް އުރީދޫން ބުނެ އެވެ.