ފައިސަލް ނަސީމް

ޑިޖިޓަލް ރާއްޖެ ބިނާކުރަން އުރީދޫ އެހީވޭ: ނައިބް ރައީސް

ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި އަޅާ ކޮންމެ ފިޔަވަޅެއްގައި އުރީދޫ މޯލްޑިވްސްއިން އަންނަނީ ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރަމުން ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ، އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަޒް މިރޭ ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމުގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުގެ ހިދުމަތްތަކަށް ތައާރަފްކޮށްފައިވާ "ވަންގަވް" އަދި "އީ-ފާސް" ވަކިން ބޮޑަށް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އޯސީއެމް- އައިއޭއެކްސް ސަބްމެރިން ކޭބަލް ސިސްޓަމް ހުޅުމާލެއާ ގުޅާލުމަކީ ރާއްޖެ ޓެކްނޯލޮޖީގެ ހަބަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ މިސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ހަލުވި ބްރޯޑްބޭންޑް އިންޓަނެޓާއި މޯބައިލް އިންޓަނެޓް މިހާރު އެންމެނަށް އަތްފޯރާ ހެޔޮއަގުގައި ލިބެމުން ދިއުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ރާއްޖެ ތަރައްގީކުރުމުގައި ބައިވެރިވެ ކުރަމުންދާ މަސައްކަތްތަކާއި އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމުގައި އުރީދޫ ގްރޫޕާއި، އުރީދޫ މޯލްޑިވްސްއިން ބައިވެރިވެ ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރަން،" ނައިބް ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އުރީދޫ އިން ވަނީ ނައިބް ރައީސްއަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަޒްގެ މޮޑެލްއެއް ވެދުމަށް އަރުވާފަ އެވެ.