އެމްޑީޕީ

"ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާ އިސްކޮށްގެން ނުވާނެ"

ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތު ފަޅުތެރެއިން ސ. މަރަދޫ، ކުރެދިމާގޭ، މުހައްމަދު ނައީޝް ގެއްލިފައިވާއިރު އޭނާ ހޯދުމަށް ރާއްޖޭގައި ހުރި ބައެއް ވަސީލަތްތައް ސަރުކާރުން ބޭނުން ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

ރާއްޖޭގައި މޫދުގައި ގެއްލޭ މީހުން ހޯދުމަށް އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު މީގެކުރިން ބޭނުންކޮށްފައިވެ އެވެ. ނަމަވެސް ނައީޝް ހޯދުމުގައި ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުމެއް ނުކުރެ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރަށް ވުރެ ގިނައިރު ވެގެންދިޔައިރުވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. ރާއްޖޭގައި މިއަދު އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައިވުމަކީ މި ދެންނެވި ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް ރާއްޖޭގައި ހުރި ބޭރުގެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެއްސެއްގެ ފުރާނައަށް ވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އެހެންވެ ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށްވެސް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވެ އެވެ.

"މި ޕާޓީގެ އެންމެހާ މެންބަރުންގެ ދުއާއަކީ ނައީޝް ހެޔޮ ހާލުގައި ފެނުމެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރަމެވެ." ބަޔާނުގައިވެ އެވެ.

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތު މޫދަށް އިހި ނަގަން ފައިބައި އުޅެނިކޮށް އުމުރުން 18 އަހަރުގެ ނައީޝް ގެއްލިގެން ސިފައިންނަށް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:45 ހާއިރު އެވެ.

ނައީޝް މޫދަށް ފޭބިއިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެއް ކަމަށް އެނގިފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކަމަށް ބުނާ ޑޯނިއާ މަތިންދާ ބޯޓު ބޭނުންކުރުން ވަނީ ހުއްޓާލާފަ އެވެ. މިބޯޓު ދުއްވުން ހުއްޓާލި ކަމަށް ބެލެވެނީ ދިވެހި ސިފައިންނަށް މި ބޯޓު ދުއްވަން ނުދޭތީއާއި މިބޯޓު ދުއްވުމުގެ ނަމުގައި ރާއްޖޭގައި ގިނަ އަދަދެއްގެ ސިފައިން ތިބުމާ ގުޅިގެން ކަމަށް ބެލެވެ އެވެ. ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާ ސަރުކާރަށް ރަސްމީކޮށް އަންގާފަ އެވެ.