ހަބަރު

އެމްޑީޕީ ސަރުކާރުން ނެގި އައްޑޫގެ ގޯތިތައް އަންނަ ހަފުތާއިން ފެށިގެން ހަވާލުކުރަން ފަށަނީ

އައްޑޫ ސިޓީ، އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު، އީސީސީ އެޅި ސަރަހައްދުން އެމްޑީޕީގެ ސަރުކާރުން ނެގި ގޯތިތައް އަލުން އޭގެ ވެރި ފަރާތްތަކަށް އަންނަ ހަފުތާއިން ފެށިގެން ހަވާލުކުރަން ފަށަން ނިންމައިފި އެވެ.

އެ ގޯތިތައް އަލުން ދޭން ރައީސް އަބްދުﷲ ޔާމީން ނިންމެވިކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ ފެބުރުއަރީ މަހު އައްޑޫގައި ބޭއްވި ކެމްޕެއިނު ހަރަކާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ހަވާލާ ދެއްވައި އެ ދުވަހު މިނިސްޓަރު ސައީދު ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ އަތުން ނެގި ބިންތައް އަލުން ހަވާލުކޮށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ބިންތައް ރައްޔިތުންނަށް ހަވާލުކޮށް ދޭނެ ކަމަށާއި އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް ސަރުކާރުން އިއުލާން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ހަފުތާއިން ފެށިގެން ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އައްޑޫ ސިޓީގެ ބައެއް ރަށްޔިތުން ދިރުއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ސަރުކާރަށް ނަގާފައިވަނީ، 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެވެ. އެބިންތައް ނަގާފައިވަނީ ސާކް ސަމިޓް ބާއްވަން އީސީސީ އިމާރާތް ކުރުމަށެވެ. އެ އިމާރާތުގައި މިހާރު އަންނަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އެފަރާތްތަކުގެ އަތުން ބިންތައް ނަގާފައިވަނީ ސަރުކާރުން ބަދަލުދޭ ގޮތަށެވެ. ނަމަވެސް ބަދަލު ދީފައިނުވާ ކަމަށްބުނެ އެ މައްސަލަ ބައެއް ފަރާތްތަކުން ވަނީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.