ހަބަރު

އައްޑޫގައި އެމްޑީޕީ ސަރުކާރުން ނެގި ގޯތިތައް ހަވާލު ކުރުން މިއަދު ހަވީރު

އައްޑޫ ސިޓީ، އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އެޅި ސަރަހައްދުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނެގި ގޯތިތައް އަލުން އޭގެ ވެރި ފަރާތްތަކާ ހަވާލު ކުރުން މަސައްކަތް މިއަދު ހަވީރު ފަށާނެ އެވެ.

ގޯތި ހަވާލު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ހަވީރު އައްޑޫ ސިޓީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައު އެ ގޯތި ހަވާލުކުރަން މިއަދު ހަވީރު ފަށާއިރު ޖުލައި 26 ކުރިން ހުރިހާ ގޯތިތަކެއް އޭގެ ވެރިފަރާތްތަކާ ހަވާލުކޮށް ނިންމާނެ އެވެ. އެއީ ކިތައް ގޯތިކަމެއް ނޭނގެ އެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން ގާތްގަނޑަކަށް 700 ގޯތި އޭރު ނެގި އެވެ. އަލުން ދޫކުރަނީ 3000 އަކަފޫޓުގެ ގޯތި ކަމަށް ވެއެވެ. އެކަން މިނިސްޓްރީން ސާފުކޮށްދީފައެއް ނުވެ އެވެ.

އައްޑޫ ސިޓީގެ ބައެއް ރަށްޔިތުން ދިރުއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ސަރުކާރަށް ނަގާފައިވަނީ، 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެވެ. އެބިންތައް ނަގާފައިވަނީ ސާކް ސަމިޓް ބާއްވަން އީސީސީ އިމާރާތް ކުރުމަށެވެ. އެ އިމާރާތުގައި މިހާރު އަންނަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އެފަރާތްތަކުގެ އަތުން ބިންތައް ނަގާފައިވަނީ ސަރުކާރުން ބަދަލުދޭ ގޮތަށެވެ. ނަމަވެސް ބަދަލު ދީފައިނުވާ ކަމަށްބުނެ އެ މައްސަލަ ބައެއް ފަރާތްތަކުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.