ހިޔާ މަޝްރޫއު

ހިޔާގެ ދާއިމީ ލިސްޓުން ގިނަ މައްސަލަތައް ފާހަގަކުރެވިއްޖެ

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓުން މިހާރުވެސް ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އާންމު މިދިޔަ މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. އާންމު ކުރި ލިސްޓްގައި 6،720 މީހެއްގެ ނަން ހިމަނާފައި ވެއެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. އެ ފްލެޓްތަކަށް 25،000 ވުރެ ގިނަ މީހުން ފޯމް ހުށައެޅި އެވެ.

ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ޝަކުވާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މާލެ ސިޓީއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއެކު ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅު ރައީސް ވަނީ ހިޔާ މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެޅި ފްލެޓް ބެހުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ފައިނަލް ލިސްޓެއް ނެރެފައިވިޔަސް އަދިވެސް ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ ފްލެޓްތައް ދޫކުރުމުގެ ކުރިން ޕްލޭނިން މިނިސްޓްރީން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވާ ބުނުމަށެވެ.

ރައީސް ވަނީ ދާއިމީ ލިސްޓާމެދު އެއްވެސް ޝަކުވާ އޮތް ނަމަ މައްސަލަ ހުށައެޅުމަށާއި އެކަންކަން ބެލުމަށްފަހު އެންމެ ހައްގު މީހާއަށް ފްލެޓް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ހިޔާ ފްލެޓްތައް ބެހުމުގައި އެބަހުރި އުނދަގޫތަކެއް. ދެން މިހާރު ލިބޭނެ ކަމަށް ދެވިފައި އެހުރި ލިޔުންތަކާއެކުވެސް އަދިވެސް މައްސަލަތަކެއް ހުރިކަމަށްވަންޏާ ފައިނަލްކޮށް އެވޯޑް ކުރުމުގެ ކުރިން ބަލަމުން ޕްލޭނިން މިނިސްޓްރީން ގެންދާނެ. އެހެންވީމަ ތިބޭފުޅުންގެ އެއްވެސް ޝަކުވާއެއް އޮވެއްޖިއްޔާ އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީމާ އެކަން ހިނގާފައި އޮތް ގޮތެއް އަޅުގަނޑުމެން ބަލާނަން، ބަލާފައި އެންމެ ހައްގު ފަރާތަށް އެ [ފްލެޓް] ދެވޭތޯ ބަލާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ރޭ ވަނީ ފައިނަލް ލިސްޓުން މިހާރުވެސް ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުރަތަމަ ފަހަރަށް ވިދާޅުވެފައެވެ. ވިދާޅުވީ މިހާރުވެސް ސާޅީހަކަށް ފްލެޓްގެ ކަަންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ކޮން މައްސަލަތަކެއް ކަމެއް ވިދާޅުވެ ރައީސް ވިދާޅުވީ އެ ފްލެޓްތައް ދޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ނިސްބަތްވާ އާއިލާތަކަށް ކަމަށެވެ. ދެން ރައީސް ވިދާޅުވީ ފްލެޓް ލިސްޓުން ސަތޭކައެއްހާ ފްލެޓް ބަދަލު ކުރެވިއްޖެނަމަ މިހާރު އޮތް މައްސަލަތަކަށް ހައްލެއް ލިބިދާނެ ކަމަށެވެ.

ނަމަވެސް ރައީސް އެ އިޝާރާތް ކުރައްވަނީ ސީދާ ކޮން މައްސަލައަކަށް ކަމެއް ވިދާޅެއް ނުވެއެވެ. ފްލެޓްތައް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެނައުމުން 280 ފްލެޓް ގެއްލިގެން ދިޔައިރު ކުރީ ސަރުކާރުން ލިޔުންދިން އެތަށް ސަތޭކަ ބަޔަކު ލިސްޓުން އުނިވިއެވެ. އޭގެ ތެރޭގައި ވަރަށް ދަތި ހާލުގައި މާލޭގައި ދިރިއުޅޭ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ނިސްބަތްވާ އާއިލާތައް ހިމެނެއެވެ.

"މިހާރުވެސް އޭގެ ތެރެއިން ސާޅީހަކަށް ފްލެޓް އަޅުގަނޑުމެންނަށް ފާހަގަ އެބަ ކުރެވޭ. އެހެންވީމަ އަޅުގަނޑުމެން މި ގަސްތު ކުރަނީ ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް އެބައި ބަދަލުކުރަން. އެހެންވީމަ މީގެ ތެރެއިން ސަތޭކައެއްހާ ފްލެޓް އަޅުގަނޑު ހިތުން ބަދަލު ކުރެވިއްޖެއްޔާ މިވަގުތަށް މި އޮތް ބޮޑު މައްސަލައަކަށް ހައްލެއް އަތުވެދާނެ ކަމަށް ގަބޫލުކުރެވޭތީ އެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން،" ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް ބެހުމުގައި އެބަހުރި އުނދަގޫތަކެއް. ދެން މިހާރު ލިބޭނެ ކަމަށް ދެވިފައި އެހުރި ލިޔުންތަކާއެކުވެސް އަދިވެސް މައްސަލަތަކެއް ހުރިކަމަށްވަންޏާ ފައިނަލްކޮށް އެވޯޑް ކުރުމުގެ ކުރިން ބަލަމުން ޕްލޭނިން މިނިސްޓްރީން ގެންދާނެ. މިހާރުވެސް އޭގެ ތެރެއިން ސާޅީހަކަށް ފްލެޓް އަޅުގަނޑުމެންނަށް ފާހަގަ އެބަ ކުރެވޭ. އެހެންވީމަ އަޅުގަނޑުމެން މި ގަސްތު ކުރަނީ ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކަށް އެބައި ބަދަލުކުރަން. އެހެންވީމަ މީގެ ތެރެއިން ސަތޭކައެއްހާ ފްލެޓް އަޅުގަނޑު ހިތުން ބަދަލު ކުރެވިއްޖެއްޔާ މިވަގުތަށް މި އޮތް ބޮޑު މައްސަލައަކަށް ހައްލެއް އަތުވެދާނެ ކަމަށް ގަބޫލުކުރެވޭތީ އެ ވިސްނުމުގައި އަޅުގަނޑުމެން މަސައްކަތްތަކެއް އެބަ ކުރަން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައި ވީނަމަވެސް އެ ލިސްޓްގައި މައްސަލަތަކެއް ހުރިނަމަަ ފްލެޓް ލިބެން ހައްގު މީހާއަށް ފްލެޓް ދޭނެ ކަމަށް ރައީސް ސޯލިހް ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮށްފައިވާއިރު އެ ލިސްޓްގައި ކުށް ހުންނާނެ ކަމަށާ ނަމަވެސް ކުށް ގިނަ ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.