ހިޔާ މަޝްރޫއުގެ ފްލެޓްތައް ހައްގުވެރިންނަށްދޭއިރު ހުންނަން ޖެހޭނީ އެތަންތަނުގައި ދިރިއުޅެވޭ ގޮތަށް ފުރިހަމަ ކޮށްފައި ކަމަށާ ފްލެޓްތަކާއި ގުޅޭގޮތުން ރައީސް ސޯލިހް މިއަދު ދެއްކެވީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ސޯލިހް ވަނީ ހިޔާ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ފްލެޓްތައް އާންމުންނަށް ދިނުމަށް ހަމަޖެހިފައިވަނީ މުށި ނުޖަހާ ދޮރުތައްވެސް ހަރުނުކޮށް ކަމަށެވެ. އެއީ ވަކިން ކުރަން ޖެހޭ ހަރަދުތަކެއް ކަމަށާއި މަޝްރޫއުގެ އަގުގައި ހިމެނޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ބަދަލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް މިހާރު ނިންމާފައިވަނީ އެ ހުރި ގޮތަށް އޭގެ ހައްގުވެރިންނަށް ފްލެޓްތައް ދިނުން ކަމަށެވެ.
"ވަރަށް އަވަހަށް އޭގެ ހައްގުވެރިންނަށް އެ ދޭނަން، އެ ހިފަހައްޓައިގެން އަޅުގަނޑުމެން ނުތިބޭނެ، އެކަމަކު އެތަނުގައި މުށްޓެއް ދޮރެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.
އަވަސްއަށް ދެއްވި އިންޓަވިއެއްގައި ހިޔާ މަޝްރޫއު ފެށިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫގެ ދަށުން އަޅާފައިވާ 7،000 ފްލެޓްވެސް އޭގެ ހައްގުވެރިންނަށް ދިނުމަށް ނިންމާފައިވަނީ އެތަންތަނަށްވަދެ ދިރިއުޅެވޭނެ ގޮތަށް މަސައްކަތްތައް ނިންމުމަށްފަހު ކަމަށެވެ. އަދި ފްލެޓްތައް ނިންމާ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެތަންތަން ހަވާލު ނުކުރެވުނީ މި ސަރުކާރުގެ އިހުމާލުން ކަމަށެވެ.
"އަޅުގަނޑުމެންވާނީ މުޅި މަޝްރޫއުގެ އަގު، އެއީ ފްލް ފިނިޝަންއާއެކު ހަރަދުވާނެ ވަރު ހާމަކޮށްފައި، ލޭންޑް ކޯސްޓް އަދި އެނޫންވެސް ހަރަދުތައް ވަކިވަކިން ބުނެދީފައި. ކުއްލިއަކަށް ސަރުކާރުން މި ބުނަނީ ފްލެޓްތައްް ހަވާލުކުރާނީ ދޮރެއްނެތި އަދި މުށި ޖެހުމެއްވެސް ނެތިއޭ. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް، މި ބަދަލަކީ މި ސަރުކާރުން ގެނައި ބަދަލެއް."
މުއިއްޒު ވިދާޅުވީ ފްލެޓްތައް ހަވާލުކުރާއިރު ދޮރާއި މުށި ނުޖަހާ ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް މިވަރުގެ ތަކުލީފެއް އުފުއްލަން ޖެއްުސުން ބަލައިނުގަނެވޭނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫއު ޕްލޭންކޮށްފައިވާ ގޮތް ހައުސިން މިނިސްޓްރީއާއި އެޗްޑީސީ އަދި ރައީސް އޮފީހުގެ ލިޔެކިޔުންތަކުގެ ތެރޭގައި ހުންނާނެ ކަމަށާ އެކަންކަން އޮޅުވާ ނުލެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހުރިހާ ދުވަހަކު މި އެދެމުން ދިޔައީ ފްލެޓްތައް އަވަހަށް ނިންމާ އޭގެ ހައްގުވެރިން ދިނުމަށް. ނަމަވެސް އެކަން ނުވެ ވަރަށް ގިނަ ދުވަސްތަކެއް ވޭތުވެ މިދިޔައީ، ކުއްލި އަކަށް އަނެއްކާވެސް އައު ވާހަކައެއް މި ދެއްކެވީ. މިފަހަރު މި ވިދާޅުވީ ފްލެޓްތައް ހަވާލުކުރާނީ ދޮރެއް މުށްޓެއް ނުޖަހައޭ. މިއީ ވަރަށް ބޮޑު އަނިޔާއެއް ރައްޔިތުންނަށް ދެވޭ. މިހާރު ދުވަސް ވަންދެން ފްލެޓްތައް ނުދީ ހުރެ އަނެއްކާ އިތުރު ބުރައެއް މި ޖައްސަނީ. އެހެން އެކަން ނުކުރުމަށް އަޅުގަނޑު ގޮވާލަން." މާލެ ސިޓީގެ މޭޔަރު ކަމަށްވެސް ވާދަކުރައްވަން ނިންމަވާފައިވާ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފެލްޓްތައް އަޅާފައިވަނީ އެކަމަށް ރަނގަޅު އަގެއްގައި ކަމަށާ ފްލެޓްތަކުގެ ކުލި ބޮޑުކޮށްފައިވަނީ މި ސަރުކާރުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި 5،600 ރުފިޔާގެ މަހު ކުއްޔަކަށް ފްލެޓްތައް ދޫކުރެވެންވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.
އަޅުގަނޑުމެން މިހުރިހާ ދުވަހަކު މި އެދެމުން ދިޔައީ ފްލެޓްތައް އަވަހަށް ނިންމާ އޭގެ ހައްގުވެރިން ދިނުމަށް. ނަމަވެސް އެކަން ނުވެ ވަރަށް ގިނަ ދުވަސްތަކެއް ވޭތުވެ މިދިޔައީ، ކުއްލި އަކަށް އަނެއްކާވެސް އައު ވާހަކައެއް މި ދެއްކެވީ. މިފަހަރު މި ވިދާޅުވީ ފްލެޓްތައް ހަވާލުކުރާނީ ދޮރެއް މުށްޓެއް ނުޖަހައޭ. މިއީ ވަރަށް ބޮޑު އަނިޔާއެއް ރައްޔިތުންނަށް ދެވޭ. މިހާރު ދުވަސް ވަންދެން ފްލެޓްތައް ނުދީ ހުރެ އަނެއްކާ އިތުރު ބުރައެއް މި ޖައްސަނީ. އެހެން އެކަން ނުކުރުމަށް އަޅުގަނޑު ގޮވާލަންޑރ. މުހައްމަދު މުއިއްޒު | ކުރީގެ ހައުސިން މިނިސްޓަރު
ރައީސް މިއަދު ވިދާޅުވީ ފްލެޓްތައް ދިނުން ލަސްވެފައިވަނީ ފްލެޓް ދޭން ނިންމާފައިވާ މީހުންނާމެދު ބޮޑެތި ޝަކުވާތަކެއް ހުރުމުން ކަމަށެވެ. އެކަންކަން ބެލުމުގެ މަސައްކަތް ކުރިއަށް ގޮސް 90 ޕަސެންޓް ނިމިފައިވަނިކޮށް ލަސްވެގެން ދިޔައީ ކޮވިޑާ ގުޅިގެން ކަމަށެވެ. ދެން އެ މަސައްކަތް ވަރަށް ނިންމައި، ހައްގުވާ މީހުންނަށް ފްލެޓްތައް ދެއްވާނެ ކަމަށެވެ.
"ބޭރަށް ވަރަށް ރީތި، އެކަމަކު އެއީ މީހުން އުޅެން ހެޔޮވާވަރު ތަނެއް ނޫނޭ އަޅުގަނޑު މިހާރު ވެސް ދަންނަވާނީ،" ރައީސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި ގޯހެއް ނޫޅޭނެ ކަމަށެވެ. އަދި އެ ލިސްޓްގައި ފޯމްވެސް ނުފުރާ މީހުންގެ ނަންތައް ހިމެނޭ ކަމަށް ބުނެ ދައްކަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.
"އެއްވެސް ގޯހެއް ލިސްޓްގައި ނޯންނާނެ. ގާނޫނީ ގޮތުން ލިސްޓްގައި މައްސަލައެއް އުޅެގެނެއް ނޫން އެ އުޅެނީ."
މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުލިބި އެތައް ދުވަހެއް ފާއިތުވެގެންދިޔައިރު މި ސަރުކާރަށް ފެށުނު ފެލްޓް މަޝްރޫއެއްވެސް ނެތް ކަމަށެވެ. ސަރުކާރު ހިންގުމަށް ހުރިހާ ބާރުތަކެއް ލިބިފައިވާއިރު ވީހާވެސް ގިނަ ފެލްޓްތައް އަޅާ ރައްޔިތުންނަށް އަވަހަށް ދިނުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
ރައީސް ސޯލިހު ވަނީ މީގެކުރިން ވެސް އެތައް ފަހަރަކު ހިޔާ ފްލެޓް މަޝްރޫއުއަށް ފާޑުވިދާޅުވެފަ އެވެ. ބޭކާރު ކަމެއްގެ ގޮތުގައި މީގެކުރިން ވެސް ސިފަ ކުރައްވާފައިވެ އެވެ.
"އެ އަޅާފައި ހުރި 7،000 ފްލެޓަކީ މީހުން އުޅެން ހެޔޮވާވަރު ތަނެއް ނޫނޭ، އެތަން ލިބުނު މީހުންގެ ތެރެެއިން ގިނަ މީހުން އެތަން ދޫކޮށްފައި ނުކުންނާނެ، ދެން އެހެން ގޮތެއް ނެތިއްޔާ ތިބޭނެ އެކަމަކު އެއީ މީހަކު ދިރިއުޅެން ހެވެއް ނުވާނެ،"ރައީސް ވިދާޅުވިއެވެ. "އެތައް އެތައް ކަންތައްތަކެއް އެބަހުރި، އެ ވިދާޅުވަނީ 7،000 ރުފިޔާއަށް އެ ބޭފުޅުންނަށް ދެވުނީހޭ، އެކަމަކު މިހާރު ވެސް އެ ހުރީ ޖެހިފައި ހުރި އަގު، މިހާރު ހުރި ގޮތަށް ދީފިނަމަވެސް 11،000 ރުފިޔާ އެބަ އަރާ، އެހެންވެ އަޅުގަނޑު މި ދަންނަވަނީ އެއީ ދެކޮޅު ޖެހޭ ކަމެއް ނޫނޭ،" ރައީސް ވިދާޅުވިއެވެ.