ދުނިޔެ

ޣައްޒާ ހަނގުރާމަ އަދި ނިމެން ގާތްވެސް ނުވޭ: ނަތަންޔާހޫ

ޒަޔަނިސްޓް އަސްކަރިއްޔާ އިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ޔަހޫދީން އޮތީ ކުރިންވެސް ރާވާފަ އެވެ.

ޔަހޫދީ މީޑިއާތަކުން މިއަދު ރިޕޯޓްކުރި ގޮތުން ހަމަލާތަކުގެ ތިންވަނަ ފިޔަވަހި ފަށަން އަސްކަރިއްޔާ އޮތީ ތައްޔާރަށެވެ.

ޣައްޒާ ހަނގުރާމަ އަދި ނިމެން ކައިރިވެސް ނުވާ ކަމަށް ވިދާޅުވެ ޒަޔަނިސްޓް ބޮޑުވަޒީރު މިއަދު ވިދާޅުވީ ފިޔަވަހިތަކަކަށް ބަހާލުމަށް ވުރެ އިސްކަން ދެއްވާނީ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.

ޔަހޫދީންގެ އަމާޒަކީ ހަމާސް ޖަމާއަތުގެ ޒަމާން ދުއްވާލުމެވެ. ޣައްޒާއަށް އެއްގަމު މަގުން ޔަހޫދީ ސިފައިން އަރާ ތިބީ މި އަމާޒަށް ވާސިލުވާން ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ހަމަލާތައް ފެބްރުއަރީ މަސް ނިމެންދެން ވެސް ކުރިއަށް ގެންދަން ޖެހިދާނެ އެވެ. އެ ނޫން ގޮތަކަށް ހަމަލާތައް ހުއްޓާލާނެ އޮތީ އެންމެ ގޮތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެއީ ހަމާސްގެ ސިފައިން ތިބި ތަނަކުން ނުކުމެ އެންމެން އެކުގައި އަމާންދިނުމެވެ.

ޒަޔަނިސްޓުންނާ ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭ ކަމަށް ބުނެ މީޑިއާގައި ޝާއިއުކުރި ރިޕޯޓަކަށް ރައްދުދެއްވައި ނަތަންޔާހޫ ވިދާޅުވީ އެއީ ބުހުތާން ދޮގެއް ކަމަށެވެ.

ހަނގުރާމަ ހުއްޓަލުމާ ބެހޭ ގޮތުން އެއްވެސް ބަޔަކާ އެކު މަޝްވަރާ ނުކުރައްވާ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫ އަދި ވިދާޅުވީ ހަނގުރާމަ ކިތަންމެ ބޮޑަށް ދިގުލައިގެން ދިޔަ ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް އަސްކަރިއްޔާގައިވެސް ނެތް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަތަންޔާހޫ ސިފައިން ލައްވައި މިހާރު ކުރައްވަނީ ޒާތީ ހަނގުރާމަ އެކެވެ. އެއީ އޭނާގެ ވެރިކަމުގައި ޒަޔަނިސްޓުން މިހާ ބޮޑަށް ލަދުގަންނަ ޖެހުނީތީ ކުރާ ހަނގުރާމައެއް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ފަލަސްތީންގެ ބިންތައް ފޭރިގަނެ ގެދޮރު ބިނާކޮށް ދުނިޔޭގެ އެކި ބައްރުތަކުން ޔަހޫދީން ގެނެސް -- ބައިނަލްއަގްވާމީ ހުރިހާ ގާނޫނަކާ ހިލާފަށް ވަޒަންވެރި ކުރުވަން ފެށިފަހުން، ޒަޔަނިސްޓުންނަށް އޮކްޓޯބަރު ހަތެއްގައި ލިބުނު ވަރުގެ ބޮޑު ގެއްލުމެއް ނުލިބެ އެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ މިހާރު ކުރިއަށް ގެންދާ ހަމަލާތަކުގައިވެސް ޔަހޫދީންނަށް ވަރަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

އަނެއްކޮޅުން ރަށުން ބޭރުގައި އަސްކަރިއްޔާއަށް ކާންދީ ބޯންދިނުމަށް ކުރަން ޖެހޭ ހޭދަ ޒަޔަނިސްޓު ސަރުކާރަށް ވަނީ ބޮޑު ތަކުލީފަކަށް ވެފަ އެވެ.